ކޮވިޑް-19: ފެހެންދޫ، ސިކްސް ސެންސަސް ލާމު އަދި ސަފާރީއެއް މޮނިޓަރިންއަށް

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުން ފެނިގެން ބ. ފެހެންދޫ، ސިކްސް ސެންސަސް ލާމު ރިސޯޓު އަދި ސަފާރީއެއް މޮނިޓަރިންއަށް ލައިފި އެވެ. ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ ފެ...

13 Mar 2020 | 20:38

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުން ފެނިގެން ބ. ފެހެންދޫ، ސިކްސް ސެންސަސް ލާމު ރިސޯޓު އަދި ސަފާރީއެއް މޮނިޓަރިންއަށް ލައިފި އެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ ފެހެންދޫން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިފައިވަނީ އެރަށުގައި ހުރި ގެސްޓު ހައުސްއަކަށް ދިޔަ ޓޫރިސްޓެއްގެ ފަރާތުންނެވެ. މިވަގުތު އޭނާ ހުރީ އެކަހެރި ކޮށްފައި އެވެ.

ސިކްސް ސެންސަސް ލާމުން ބައްޔަށް ޝައްކު ކުރެވެނީ ދެ ޓޫރިސްޓަކަށެވެ. އެމީހުންގެ ފުށުން ބަލީގެ އަލާމާތެއް ނުފެނުނު ނަމަވެސް އެމީހުންގެ ގައުމުގައި އޮތް ކައިވެނި ހަފްލާއެއްގައި ބައިވެރިވި މީހަކު ވަނީ ވައިރަހަށް ޕޮސިޓިވް ވެފައި އެވެ. އެހެންވެ އެދެމީހުން އެކަހެރިކޮށް ވައިރަހަށް ޓެސްޓު ކުރަން ނިންމީ އެވެ.

މަބްރޫކް ވިދާޅުވީ ސަފާރީއަކުން ބައްޔަށް ޝައްކު ކުރެވުނީ ދެމީހަކަށް ކަމަށެވެ. އެ ސަފާރީން މީހުން އަރާ ފޭބުން މަނާކޮށްފައިވާއިރު މިއީ ސަފާރީއަކުން ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނުނު ފުރަތަމަ ފަހަރެވެ.

މަބްރޫކު ވިދާޅުވީ އެ ތިން ތަނަށް އެޗްޕީއޭގެ ޓީމެއް މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ. އަދި އެ ޓީމު ގޮސް "ކޮންޓެކްޓް ޓްރޭސިން" ހެދުމާއި ސާމްޕަލް ނެގުން ކުރިޔަށް ގެންދާނެ ކަމަށެވެ. މީގެ ތެރެއިން އަރާ ފޭބުން މަނާކޮށްފައިވަނީ ސަފާރީ އާއި ފެހެންދޫއަށް އެކަންޏެވެ.

ރާއްޖެއިން މިހާތަނަށް ނުވަ މީހަކު ބައްޔަށް ޕޮސިޓީވް ވެފައިވާއިރު އެ އެންމެންނަކީ ބިދޭސީންނެވެ.

ކޮރޮނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގައި އޮތީ30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް