ކޮވިޑް-19: ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅެއް، ބައެއް ރިސޯޓުތަކުން މުވައްޒަފުން ފޭބުން މަނާ

ކޮރޯނާ ވައިރަސް މުޅި ރާއްޖެއަށް ފެތުރުނަ ނުދިނުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މުހިންމު ފިޔަވަޅެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅައިފި އެވެ. މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއް...

13 Mar 2020 | 19:57

ކޮރޯނާ ވައިރަސް މުޅި ރާއްޖެއަށް ފެތުރުނަ ނުދިނުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މުހިންމު ފިޔަވަޅެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅައިފި އެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ބައްޔަށް މީހުން ޕޮސިޓިވްވި ރިސޯޓުތަކާއި ޝައްކު ކުރެވޭ މީހުން ފެނިފައިވާ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެ ތަންތަނުން ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.

މުވައްޒަފުން ފޭބުން މަނާކޮށްފައިވަނީ އަނަންތަރާ ދިގު ރިސޯޓު، ކުރެއްދޫ އައިލެންޑް ރިސޯޓު، ކުރަމަތި އައިލެންޑް ރިސޯޓު، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓު، ސަމާ އައިލެންޑް ރިސޯޓު، ވިލަމެންދޫ އައިލެންޑް ރިސޯޓު، ސަން އަކުއާ އިރުވެލި ރިސޯޓު އަދި އޮބްލޫ ސަން ގިލި ރިސޯޓެވެ. މި ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ރަށުން ފޭބޭނީ އެޗްޕީއޭއިން ވަކި އެއްޗެއް އެންގުމުންނެވެ.

މަބްރޫކް ވިދާޅުވީ ކޮރޯނާ ވައިރަސް މުޅި ރާއްޖެއަށް ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި މި ފިޔަވަޅަކީ ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ޓޫރިސްޓު އެކްސްކާޝަން ދަތުރުތައް މާލެ އާއި އަތޮޅު ތެރޭގެ އެއްވެސް ރަށަކަށް ކުރުން ވަނީ މަނާކޮށްފައި އެވެ. އެގޮތަށް ނިންމުމުން ޓޫރިސްޓުން ތިބެން ޖެހޭނޭނީ ރާއްޖެ އައިސް ދާ ރިސޯޓެއްގައި، ސަފާރީއެއްގައި ނުވަތަ ގެސްޓު ހައުސްއެއް ހުރި ރަށެއްގައި އެވެ.

މި އެންގުން އަންގާފައިވަނީ10 ދުވަހުގެ މުއްދަތަށެވެ.

އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޕާކުތަކަށް މީހުން ދިޔުންވެސް ވަނީ މަނާކޮށްފައި އެވެ.

މިހާރު ރާއްޖޭގައި އޮތީ30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް