ހަލުވިކަމާއި އެކު ފެތުރެމުންދާ ސްވައިން ފްލޫ އާއި ގުޅިގެން އޭޑީކޭގައި މިއަދު ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް މާދަމާއިން ފެށިގެން ސޯސަންމަގުގައި ހުންނަ ސޯސަންގެ (ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑިސް) ބަދަލު ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭއިން މިރޭ ބުނީ އެ ހޮސްޕިޓަލުގައި މިއަދު ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް މިރޭ 10 ޖަހަންދެން އެ ހޮސްޕިޓަލުގައި ދޭނެ ކަމަށެވެ. މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން ރޭގަނޑު 10:00 އަށް ފްލޫ ކްލިނިކްގެ ހިދުމަތް ދޭނީ ސޯސަން ގޭގައި ކަމަށެވެ.
އެ ތަނުގައި ހުމާއި ރޯގާ ޖެހިގެން އަންނަ ބަލިމީހުންނަށް ފަރުވާދެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައި ހުންނާނެ ކަމަށް އެތަނުން މައުލޫމާތުދެ އެވެ. އަދި ބަލި މީހުން ބަލަން އެކަށީގެންވާ އަދަދަކަށް އަބަދުވެސް ޑޮކްޓަރުން ތިއްބަވާނެ ކަމަށާއި ބަލި މީހުން އިތުރުވާ ވަރަކަށް ޑޮކްޓަރުން އިތުރު ކުރާނެ ކަމަށެވެ.
އޭޑީކޭއިން ބުނީ މިއީ ގައުމީ ހިދުމަތަކަށް ވާތީ ފުރަތަމަ ރޯގާ ނުވަތަ ހުން އައިސްގެން ފްލޫ ކްލިނިކަށް ދައްކާ ފަރާތްތަކަށް ހިދުމަތާއި ބޭހަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އެކަމަކު އެޑްމިޓް ކުރަންޖެހި އިތުރު ބޮޑު ފަރުވާއެއް ދޭންޖެހިއްޖެ ނަމަ އޭޑީގައި ހަމަޖެހިފައިވާ އުސޫލުން ފައިސާ ނަގާނެ ކަމަށެވެ.
އޭޑީކޭގައި މިއަދު ހިދުމަތް ދޭން ފެށި ފްލޫ ކްލިނިކާއި އެކު މިހާރު ތިން ފްލޫ ކްލިނިކް މާލޭގައި ވަނީ ގާއިމްކޮށްފައި އެވެ.
އައިޖީއެމްއެޗުން އެ ހޮސްޕިޓަލްގެ އިތުރުން ތާޖުއްދީން ސްކޫލްގައިވެސް ވަނީ ފްލޫ ކްލިނިކެއް ހުޅުވާ ހިދުމަތް ދޭން ފަށާފައި އެވެ. އެތަކުގައި އެކްސްރޭ ނެގުމާއި، އެޑްމިޓް ކުރަން ޖެހިއްޖެ ނަމަ ބާއްވާނެ ފަސް އެނދުގެ އިތުރުން ނެބޮލައިޒޭޝްންގެ ހިދުމަތް ދެމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
އަދި 10 ޑޮކްޓަރުން ފަރުވާދިނުމަށް ހަރަކާތްތެރިވަމުން ދާއިރު ބަލި މީހުން ގިނަ ވާނަމަ އިތުރު ޑޮކްޓަރުން ތިބޭނެ ކަމަށް މައުލޫމާތު ދެ އެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ކިއުގައި ނުޖެހި އަވަސް ހިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް