އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ 13 ކެންޑިޑޭޓަކު އިންތިހާބަކާއި ނުލާއި އިންތިހާބު ކާމިޔާބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކަށް ކުރިމަތިލާފައިވަނީ ކެންޑިޑޭޓުން އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށެވެ. އޭގެ ތެރެއިން އެއް ގޮނޑި އެމްޑީޕީން ކާމިޔާބު ކޮށްފައިވާއިރު ވެރިކަން ކުރާ ޕީޕީއެމްއިން ވަނީ ފަސް ގޮނޑި ކާމިޔާބު ކޮށްފައި އެވެ. އަދި އަމިއްލ ކެންޑިޑޭޓުން ވަނީ ހަތް ގޮނޑި ކާމިޔާބުކޮށްފައި އެވެ.
އިންތިހާބަކާއި ނުލާ ގޮނޑި ކާމިޔާބު ކުރީ ހދ. އަތޮޅު ކައުންސިލް ނޮޅިވަރަމް ދާއިރާގެ ގޮނޑި އެމްޑީޕީންނެވެ. ރ. ކިނޮޅަހު ކައުންސިލްގެ ތިން ގޮނޑި އިންތިހާބަކާއި ނުލާ ކުރިމަތިލި އަމިއްލަ ތިން ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައި އެވެ. އދ. ދިއްދޫ ކައުންސިލްގެ ތިން ގޮނޑި ޕީޕީއެމްގެ ދެ ކެންޑިޑޭޓުންނާއި އަމިއްލަ ކެންޑިޑޭޓެކެވެ.
މ. ރަތްމަންދޫ ކައުންސިލް އަމިއްލަ ގޮތުން ކުރިމަތި ތިން ކެންޑިޑޭޓުންނެވެ. ތ. ގުރައީދޫ ކައުންސިލް ޕީޕީއެމްގެ ތިން ކެންޑިޑޭޓުންނެވެ.
ކައުންސިލް އިންތިހާބުގައި 1487 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އޭގެ ތެރެއިން 1124 ކެންޑިޑޭޓުންނަކީ ޕާޓީތަކުން ވާދަ ކުރާ ކެންޑިޑޭޓުންނެވެ. އަމިއްލަ ގޮތުން ވާދަ ކުރަނީ 363 ކެންޑިޑޭޓުންނެވެ.
މި އިންތިހާބު އަދާލަތު ޕާޓީން ބޮއިކޮޓުކޮށްފައިވާއިރު އިންތިހާބުގައި ވާދަ ކުރަނީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް