ކައުންސިލް އިންތިހާބުގެ 80 ޕަސެންޓު ގޮނޑި އެމްޑީޕީ ކާމިޔާބު ކުރާނަން: ރައީސް

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ 80 ޕަސެންޓު ގޮނޑި އެމްޑީޕީ ކާމިޔާބު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސ...

14 Feb 2021 | 18:57

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ 80 ޕަސެންޓު ގޮނޑި އެމްޑީޕީ ކާމިޔާބު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ވާޗުއަލްކޮށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގައި ތިބެ ކެމްޕެއިނު ކުރުމާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ކެމްޕެއިން ކުރުމާއި ބޮޑެތި ތަފާތުތަކެއް ހުރި ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމުގައި އޮވެ އިންތިހާބަކަށް ކުރިމަތިލާއިރު އާންމުން ކުރާ ސުވާލަކީ ގައުމަށާއި ދާއިރާއަށާއި އަތޮޅަށް އަދި ރަށަށް ކޮށްދިނީ ކޮން ކަމެއް ތޯ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ސުވާލުތަކުގެ ޖަވާބު އެމްޑިޕީ އަތުގައި އެބަހުރި ކަމަށެވެ.

ރައީސް ސޯލިިހު ވިދާޅުވީ އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިހާބަށް ތައްޔާރުވެ ކަމަށެވެ. އަދި އެއީ ކެމްޕެއިންތަކާއި އިންތިހާބު ތަކަށް ފަރިތަ ޕާޓީއެއް ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރާއި އެމަނިކުފާނު ހުންނެވީ އިންތިހާބަށް ވަގުތު ހުސްކުރުމަށް ތައްޔާރަށް ކަމަށެވެ. ވޭތުވެ ދިޔަ ދެ އިންތިހާބުވެސް އެމްޑީޕީއިން ކާމިޔާބު ކުރީ ހިތްވަރާއެކުކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ މި އިންތިހާބުވެސް ކާމިޔާބު ކުރާނީ ބޮޑުތަނުން ކަމަށެވެ.

އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީ ކާމިޔާބު ކުރީ ގޮނޑީގެ 75 ޕަސެންޓާއި އެކު ކަމަށެވެ. އަދި މިހާރު ފެންނަ މަންޒަރުގައި  80 ޕަސެންޓަށްވުރެ މައްޗަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ނިމިދިޔަ ދެ އަހަރުގައި ސަރުކާރުން ދާއިރާތަކަށް ރަށްތަކަށް ކޮށްދިން ކަންކަން ކިޔައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން މިހާރު ނިންމާފައި އޮތް ތާރީހަކީ އެޕްރީލް 10 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް