ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގް ކޮއްކޯފުޅު ފާތުމަތު މުހައްމަދު ސޯލިހްގެ މާލީ ބަޔާނުގައި، މިލްކިއްޔާތުގައި 20 މިލިޔަން ރުފިޔާ ހުރިކަމަށް ލިޔެވިފައިވަނީ އޮޅުމަކުން ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓް އެންޑް ޕްރޮޓޮކޯލް، ފާތިމަތު މުހައްމަދު ސޯލިހްގެ މާލީ ބަޔާން 11 ފެބްރުއަރީ 2021 ގައި ރައީސް އޮފީހުގެ ވެބްސައިޓުން ބަދަލުތަކާއެކު އަލުން އާންމުކޮށްފައިވާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ފާތިމަތު މުހައްމަދު ސޯލިހްގެ މާލީ ބަޔާން، ފޯމް އެންޓަރ ކުރުމުގައި ދިމާވެފައިވާ އޮޅުމެއްގެ ސަބަބުން، އެ ފޯމުގައި ބަޔާންކޮށްފައިވާ އާމްދަނީއާ، މުދަލާއި، ފައިސާ އަދި ލޯނުގެ ބައިގައި، އެކަމަނާގެ މައުލޫމާތުގެ ބަދަލުގައި ފިރިކަލުން އަލްމަރްހޫމް އިސްމާއިލް ފިރާގުގެ ބޭންކް އެކައުންޓްގައި ހުރި ހަތް ލައްކަ ރުފިޔާ އަދި އިމާރާތުގެ އަގުގެ ގޮތުގައި 20 މިލިޔަން ރުފިޔާގެ މައުލޫމާތު އެކުލަވާލެވިފައިވާކަން 11 ފެބްރުއަރީ 2021 ގައި ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން އެކަމަނާގެ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލް ވެބްސައިޓަށް، އަލުން އަޕްލޯޑް ކޮށްފައިވަނީ އެކަންކަން އިސްލާހުކުރުމަށްފަހުގައި ކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް