ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި 2021 ފެބްރުއަރީ 11 ވަނަ ދުވަހު ހަވާލުކޮށްފިއެވެ.
މިގޮތުން މިމަސައްކަތް މިކުންފުންޏާއި ހަވާލުކުރުމަށް ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.
މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ.
ދިއްދޫގައި ރިވެޓްމަންޓް ޖަހާނީ 185 މީޓަރުގެ ސަރަޙައްދެއްގައެވެ. އަދި 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 4320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައި ވެއެވެ.
މި މަޝްރޫޢުގެ ދަށުން، ދިއްދޫ ބަނދަރު ބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައި ވެއެވެ.
މި މަޝްރޫޢުގެ އަގަކީ 69.87 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް