އައްޑޫ އޭވިއޭޝަން ކްލަސްޓާއިން ޕޮސިޓިވް އަދަދު 40 އަށް

އައްޑޫ ސިޓީ އޭވިއޭޝަން ކޯވިޑް-19 ކްލަސްޓާއިން މީހަކު ޕޮސިޓިވް ވެއްޖެ އެވެ. އެ ކްލަސްޓާއިން މިއަދު ވަނީ އިތުރު ދެ މީހުން ޕޮސިޓިވްވެފައި އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ ޕޮސިޓިިވް ބަޔަކާއި ކޮންޓެކްޓް ވެގ...

14 Feb 2021 | 10:01

އައްޑޫ ސިޓީ އޭވިއޭޝަން ކޯވިޑް-19 ކްލަސްޓާއިން މީހަކު ޕޮސިޓިވް ވެއްޖެ އެވެ.

އެ ކްލަސްޓާއިން މިއަދު ވަނީ އިތުރު ދެ މީހުން ޕޮސިޓިވްވެފައި އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ ޕޮސިޓިިވް ބަޔަކާއި ކޮންޓެކްޓް ވެގެން ކަރަންޓީން ކޮށްފައި ތިބި ދެމީހުންނެވެ.

މި ކްލަސްޓާއިން ޕޮސިޓިވްވި މީހުންގެ ތެރެއިން 22 މީހުން ތިބީ ހިތަދޫގައި އެވެ. ފޭދޫގައި ނުވަ މީހަކު ތިބި އިރު މަރަދޫފޭދޫގައި ހަތަރު މީހަކު އަދި ގދ. ތިނަދޫގައި ތިން މީހަކާއި މާލޭގައި ދެ މީހަކު އެބަތިއްބެވެ.

މި ކްލަސްޓާ އުފެދުނު ކަމަށް ބެލެވެނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އައްޑޫގައި ޓްރެއިނިންއެއް ހިންގަން ދިޔަ ބައެއްގެ ފަރާތުންނެވެ. އެކަމަކު އެ އިދާރާއިން ބުނެފައިވަނީ ޓްރެއިންގައި ބައިވެރިވުމަށް ދިޔަ މުވައްޒަފުން ދިޔައީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓުގެ ނަތީޖާ ލިބުމުން ކަމަށެވެ.

މި ކްލަސްޓާގެ އިތުރުން ހުޅުމީދޫގައިވެސް ވަނީ ކޯވިޑްގެ ކްލަސްޓާއެއް އުފެދިފައި އެވެ. އެކަމަކު މި ކްލަސްޓާއިން 25 މީހުން ޕޮސިޓިވްވި ފަހުން އިތުރު މީހަކު ޕޮސިޓިވްވެފައެއް ނުވެ އެވެ.

މި ކްލަސްޓާ އުފެދިފައިވަނީ ހުޅުމީދޫ އެމްޓީސީސީގެ ބިދޭސީން ދިރިއުޅޭ ސައިޓެއްގައި އެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައްޑޫ ސިޓީގެ ދެ ކްލަސްޓައިން ޕޮސިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެމުން ދަނީ އައްޑޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެންނެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

އެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯބަލަން މިއަދު ވަނީ ރެންޑަމް ސާމްޕަލް ނަގަން ފަށާފައި އެވެ. މި ވަގުތު އައްޑޫ ސިޓީ އެއްކޮށް އޮތީ ދެ ކްލަސްޓާ އާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް