މިއަދު ހެނދުނު ހުޅުލޭ ފަޅުތެރެއަށް ވެއްޓުނު މަންޓާ އެއާގެ ސީޕްލޭންގައި ދަތުރު ކުރި އެންމެންނަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އެ ދަތުރުގައި ބައިވެރިވެފައިވަނީ ހަ ފަސިންޖަރުންނާއި ތިން ކްރޫއިންނެވެ. މި ހާދިސާ ހިނގާފައިވަނީ ހެނދުނު 7:30 ހާއިރު އެވެ.
މި ސީޕްލޭން ވެއްޓިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލަށް ޖައްސަން އުޅުމުގެ ތެރޭގައި ހުޅުލޭ ފަޅުތެރެއަށެވެ. އެ ސީޕްލޭން ވީއައިއޭއަށް އައީ ކޯމޯ މާލިފުށިން ޓޫރިސްޓުން ގޮވައިގެންނެވެ.
މަންޓާ އެއާއިން ބުނީ ސީޕްލޭންގައި ދަތުރު ކުރި ފަސިންޖަރުންނާއި ކްރޫއިންނަށް ފަރުވާ ދީފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލްގައި ކަމަށެވެ. އެމީހުންގެ މެޑިކަލް ޓެސްޓުތައް ހެދުމަށް ފަހު އިތުރު ސިއްހީ މައްސަލައެއް ނެތުމުން ދޫކޮށްލާފައިވާ ކަމަށް ބުނެ އެވެ.
މި ހާދިސާގައި ސީޕްލޭންގައި ދަތުރު ކުރި އެކެއްގެ ކޮނޑުހުޅު ނެއްޓުން ފިޔަވާ މާބޮޑު އަނިޔާއެއް އިތުރު މީހަކަށް ލިބިފައެއް ނުވެ އެވެ.
އެއާލައިނުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަހުގީގު ކަމާއި ބެހޭ ފަރާތްތަކާއި އެކު ފަށާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް