އައްޑޫގައި ނާޒުކު ހާލަތުގައި އުޅޭ 50 އާއިލާއަކަށް ޖެންޑާއިން އެހީ ފޮނުވައިފި

ކޯވިޑް-19 ފެތުރޭތީ މޮނިޓަރިންއަށް ލާފައިވާ އައްޑޫ ސިޓީގައި ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް ޖެންޑާ މިނިސްޓްރީން ކެއާ ޕެކޭޖު ފޮނުވައިފި އެވެ. ޖެންޑާ މިނިސްޓްރީން ބުނީ އެ މަސައްކަތް މި މަހު...

14 Feb 2021 | 07:53

ކޯވިޑް-19 ފެތުރޭތީ މޮނިޓަރިންއަށް ލާފައިވާ އައްޑޫ ސިޓީގައި ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް ޖެންޑާ މިނިސްޓްރީން ކެއާ ޕެކޭޖު ފޮނުވައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ވަނީ އައްޑޫ ސިޓީގައި ނާޒުކު ހާލަތުގައި އުޅޭ 50 އާއިލާއަކަށް ކެއާ ޕެކޭޖު ހަދިޔާކޮށްފައި އެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އެ ސިޓީގައި މިހާރު އޮތް މޮނިޓަރިންގެ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުން ކަމަށް ބުނެ އެވެ. އަދި އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޖެންޑާއިން ބުނެ އެވެ.

އެހީގެ ގޮތުގައި ދީފައިވާ ތަކެތީގެ ތެރޭގައި ފެނާއި، މާސްކު، ސެނެޓައިޒާ އަދި އަންގި ފަދަ ތަކެތި ހިމެނެ އެވެ.

މި މަސައްކަތް ކޮށްފައިވަނީ އައްޑޫ ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މުވައްޒަފުންނާއި ރެޑް ކްރެސެންޓްގެ އައްޑޫ ސިޓީ ގޮފީގެ މުވައްޒަފުން ނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ފުވައްމުލައް ސިޓީ މޮނިޓަރިން ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ޖެންޑާ މިނިސްޓްރީން ވަނީ ގއ. ދެއްވަދޫ، މ. ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައުމުން ކެއާ ޕެކޭޖު ފޮނުވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް