ވެކްސިން ޖެހުމާއި ދެކޮޅު މައުލޫމާތު ފަތުރަމުންދިޔަ ދިވެހި ވެބްސައިޓެއް ބްލޮކް ކޮށްފި އެވެ.
މި ވެބްސައިޓުގެ މައްސަލަ ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ ސަމާލު ކަމަށް ގެނައީ މީޑިއާ ކައުންސިލް (އެމްއެމްސީ) އިންނެވެ. އެ މައްސަލަ އެމްއެމްސީން އެ އިދާރާތަކުގެ ސަމާލުކަމަށް ގެނައީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އެމްއެމްސީގެ ނައިބު ރައީސް ހުސައިން ސަގީފް ވިދާޅުވީ އެ ވެބްސައިޓުގެ މައްސަލަ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ކަމަށެވެ. އިއްޔެވެސް އެކަން އެ ކައުންސިލުން އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް ސައިޓު ބްލޮކް ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ސަގީފް ވިދާޅުވި އެވެ.
ވެކްސިން ޖެހުމާއި ދެކޮޅަށް އެ ސައިޓުގައި މައުލޫމާތު ފަތުރަމުން ދާ މިވަގުތަކީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް އިލްތިމާސް ކުރަމުންދާ ދަނޑިވަޅެކެވެ.
އެ ވެބްސައިޓުގައި ވަނީ ވެކްސިން ޖެހުމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ދިމާވާ ކަމަށް ބުނެ ވެކްސިން ނުޖަހަން ބާރު އަޅާފަ އެވެ. އަދި ވެކްސިންއާމެދު ބިރުވެރިކަން އުފެއްދުމަށް ތަފާތު އެކި ލިޔުންތައް ގެނެސްދީފައި ވެއެވެ.
މިފަދަ ވެބްސައިޓުތަކުން ވެކްސިނާއި ގުޅޭގޮތުން ދެކޮޅު މައުލޫމާތު ފެތުރި ނަމަވެސް ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.
އެގޮތުން މިިހާތަނަށް 33،000 އަށްވުރެ ގިނަ މީހުން ކޯވިޑް-19 ވެކްސިން ޖަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް