ދާނުގައި ތިބޭ ބަލި މީހުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.
އެޗްއީއޯސީން ބުނީ އެފަދަ ފަރާތްތަކަށް ކޯވިޑް ވެކްސިން ދޭން ފެށީ އިއްޔެ ކަމަށެވެ. މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ވެކްސިން ދޭން ފަށާފައިވާ ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ރެޖިސްޓްރީކޮށްފައިވާ ދާނުގައި ތިބި ބަލި މީހުންނަށް ވެކްސިން ދޭނެ ކަމަށް ބުނެ އެވެ.
ދާނުގައި ތިބޭ ބަލި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނެ އެވެ.
އެޗްއީއޯސީން ބުނީ ދާނުގައި ތިބޭ ބަލި މީހުންނަށް ވެކްސިން ދިނުމަށް ހަރަކާތްތެރިވާ ޓީމުތަކުން ބަލި މީހުންނަށް ވެކްސިން ދިނުމަށް ފަހު ސިއްހީ މައްސަލައެއް ދިމާވޭތޯ ބަލަން އެމީހެއްގެ ކައިރީގައި 30 މިނެޓު މަޑު ކުރާނެ ކަމަށެވެ. އަދި ވެކްސިން ދޭން ދާނީ އެމަޖެންސީ ހާލަތުގައި ފަރުވާދެވޭނެ ހުރިހާ ހާލަތަކަށް ތައްޔާރުވެ ސިއްހީ އާލާތްތަކާއި އެކު ކަމަށް ބުނެ އެވެ.
މާލެ ސަރަހައްދުގައި މިހާރު ވަނީ އުމުރުން 18 އަހަރުން މަތީގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ހައި ރިސްކު ކެޓަގަރީގެ މީހުންނަށް ވެކްސިން ދޭން ފަށާފައި އެވެ.
މިހާތަނަށް ރާއްޖޭގައި 33،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޯވިޑް-19 ވެކްސިން ދީފައި އެވެ. އަދި މާލެ އާއި އަތޮޅުތަކުގައި 100 އެއްހާ ސެންޓަރުގައި ވަނީ ކޯވިޑް-19 ވެކްސިން ދޭން ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް