ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަހުގީގަށް، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު ހަތަރު ގަޑިއިރަށް ގެކޮޅަށް ގެންދަން ކުރިން ނިންމާފައި އޮތް ނަމަވެސް މިއަދު އެމަނިކުފާނު މާލެ ގެނައުން ކެންސަލް ކޮށްފިއެވެ.
ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމަށް ހަމަޖެހިފައި ވާތީ ޝަހީދު ހުސައިން އާދަމް ބިލްޑިންގް ސަރަހައްދު މިއަދު ބަންދު ކުރުމަށްފަހ، އެމަނިކުފާނު މާލެ ގެނައުން ކެންސަލް ވުމާ ގުޅިގެން މިހާރު ވަނީ އެސަރަހައްދު ހުޅުވާލާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހަތަރު ގަޑިއިރަށް ގެކޮޅަށް ބަދަލުކުރައްވަން ނިންމަވައިފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަަކުން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޔާމީން ގެކޮޅަށް ބަދަލުކުރަން ނިންމާފައި މި ވަނީ ފުލުހަށް ހާޒިރު ކުރުމަށް ފަހުގައެވެ.
ޔާމީން ގެކޮޅަށް ގެނދަން ނިންމި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވާއިރު، މާލެ ގެނައުން މިއަދު ކެންސަލްކުރި ސަބަބެއް ފުލުހުން ސާފުކޮށެއް ނުދެއެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެފައިސާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގައި އުފުލާފައިވާ ދައުވާ އެމަނިކުފާނުގެ މައްޗަށް ވަނީ ސާބިތުވެފައެވެ. އެހެންކަމުން މަނީ ލޯންޑަރިންގގެ ކުށުގައި ފަސް އަހަރު ޖަލު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ކުރީގެ ރައީސް ޔާމިން މިހާރު ހުންނެވީ މާފުށި ޖަލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް