N/A
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް
އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު
މުޢިއްޒު، ރ. ދުވާފަރުގައި މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އެމަނިކުފާނު މި ފިއުލް ސްކިޑް ހުޅުއްވައިދެއްވީ، މަސްވެރިންގެ
ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން
މިއަދު އެ ރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ފިއުލް ސްކިޑަކީ، މަސްވެރިންގެ ކަންބޮޑުވުންތައް
އަޑުއައްސަވައި، އެކަންކަމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެކިއެކި ހައްލުތައް
ހޯއްދަވައިދެއްވުމުގެ ގޮތުން، ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް
އަމާޒުކޮށް، ރާއްޖޭގެ އެކި ސަހަރައްދުތަކުގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ
ނިންމެވި ފިއުލް ސްކިޑްތަކުގެ ތެރޭގައި ހިމެނިގެން ގާއިމުކުރި އެންމެ ފުރަތަމަ ފިއުލް
ސްކިޑެވެ. މި މަސައްކަތަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި ހަވާލުކުރެވިގެން
ކުރިއަށްގެންދަވާ މަސައްކަތެކެވެ.
މި މަސައްކަތުގެ ދަށުން 18 ފިއުލް ސްކިޑެއް ގާއިމުކުރުމަށް
ހަމަޖެހިފައިވާއިރު، ސަރުކާރުން އިޢުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ
ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމުގެ ޔަޤީންކަން އެސް.ޓީ.އޯ. އިން ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި،
ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް
މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި
ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް