އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ވީހާވެސް އަވަހަކަށް ހައްލު ކުރުމަށް ގޮވާލައި އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ދަރިވަރުންގެ ހައްގުގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލައިގަ ބުނެފައިވަނީ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ނުގެއްލޭނެ ހެން އެ ސްކޫލަށް ދިމާވެފައިވާ މައްސަލަ ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި ދަރިވަރުންނަށް ކޯސްފުރިހަމަ ކުރެވޭނެ ގޮތް ހަދައި އިހުމާލުވާ ފަރާތްތައް ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލައިގަ ވަނީ އެ ސްކޫލްގައި ދިމާވަމުންދާ އިތުރު މައްސަލަތައް ފާހަގަ ކުރައްވާފައި އެވެ. އޭގެ ތެރޭގައި ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހޭ ކޯސް، ކިޔަވައި ނުދިނުމުގެ ސަބަބުން ދިގުލައިގެން ދިއުމާއި މަގުބޫލް ސަބަބެއް ނެތި ސްކޫލުން ވަކިކުރަމުން ދާ މައްސަލަ ހިމެނެ އެވެ.
އައްޑޫ ފްލައިން ސްކޫލަށް ދިމާވެފައިވާ މައްސަލަތައް ވީހާވެސް އަވަހަށް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ތަނުގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ. އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވީ ފްލައިން ސްކޫލުން އެއްބަސްވުމާއި ހިލާފަށް އަމަލު ކުރާތީ ފިޔަވަޅު އަޅާނެ ކަމަށެވެ.
https://twitter.com/Adamshareefz/status/1338037311221628930
އައްޑޫ ފްލައިން ސްކޫލް ހިންގަނީ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ)އިންނެވެ.
އެ ސްކޫލްގައި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ޑޮލަރުން ފީ ދައްކަން ޖެހުމާއި، ކޯސް ނިމެން ކައިރިވެފައި ވަނިކޮށް ދަރުވަރުން ވަކި ކުރުމާއި ކުދިން ގިނަ ކަމުން ތަމްރީން ހަދަން އުދުހުމުގެ ފުރުސަތު ނުލިބުން ފަދަ މައްސަލަތައް ހިމެނެ އެވެ. މި ހުރިހާ މައްސަތަކެއްގައި ސަރުކާރުން އިންޒާރު ދެމުން ދަނިކޮށް ފްލައިން ސްކޫލުން ވަނީ އިތުރު ކުދިންތަކެއް އެތަނަށް ވައްދާފައި އެވެ.
ދަރިވަރުންގެ ކޯސް ފީ ޑޮލަރުން ނަގާ މައްސަލަ ވެސް ބޮޑެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް