ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ކުދިންތަކަކަށް އަނިޔާ ކުރި މައްސަލައިގަ ހަ މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި ހަމީހުންގެ މައްޗަށް ދައުވާ އުފުލައިދޭން އެދުނީ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ތިބި 18 އަހަރު ނުފުރޭ ކުދިންތަކަކަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާދީ އެ ކުދިންގެ ކަރާމާތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ. މި އަމަލު އެމީހުން ހިންގާފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އެވެ.
މި މައްސަލައިގަ ދައުވާ އުފުލަން ފޮނުވާފައިވާ ހަ މީހުންނަކީ އެތަނުގައި މަސައްކަތް ކުރި މުވައްޒަފުންނެވެ. އޭގެ ތެރޭގައި ހިމެނެނީ
މާލެ، ވ. ސަމާހިޔާ، މުހައްމަދު ޝަރީފް - ގައިގައި އަތްލުމުގެ ދައުވާ.
މާލެ، ވ. ފަންސި، ހުސެއިން އަހްމަދު - ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުން.
މާލެ، ވ. ރިއޯ، އަލީ އަހްސަން - ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދެ ދައުވާ އާއި ގައިގައި އަތްލުމުގެ ތިން ދައުވާ.
މާލެ، މއ. އަކިރިފުށި، ނަޖީހް، އަހްމަދު - ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުމުގެ ދެ ދައުވާ އާއި ގައިގައި އަތްލުމުގެ ދެ ދައުވާ.
މާލެ، ހ. ފޯސީޒަން، އަހްމަދު ވަނޫދު - ގައިގައި އަތްލުމުގެ ހަ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތަށް ހުރަސްއެޅުމުގެ ދެ ދައުވާ.
މާލެ، ވ. އާސްމާން މަންޒިލް، ހުސެއިން ހަމްދޫން - ބިރުދެއްކުމާއި ގައިގައި އަތްލުމުގެ ދައުވާ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުށުގެ ތަހުގީގު އިދާރާތަކުން އަންނަނީ ކުރަމުންނެވެ. އަދި އެ މައްސަލަތަކުގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުން އެ މައްސަލަތަކުގައި ދައުވާ ކުރަން ޖެހޭ މީހަކު ހުރި ނަމަ ދައުވާ ކުރާނެ ކަމަށް ބުންްޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގެވުމަކަށެވެ. ޕީޖީގެ ސަމާލުކަމަށް މި މައްސަލަ ގެނައީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް