އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިިދު ގެނައުމަށް ތާއިދު ކުރާކަން ސައުދީ އަރަބިއްޔާއިން ހާމަކޮށްފި އެވެ.
ސައުދީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ބިން އަހުމަދު އަލް ޖުބައިރު ވަނީ، އަންނަ އަހަރުގެ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންނާނެކަން ހާމަކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
ޝާހިދު ވަނީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެެ މަގާމަށް ކެމްޕޭއިން ކުރަން ފަށައިފަ އެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރެއްވި ގިނަ ދަތުރުފުޅު ތަކުގައި ޝާހިދު ވަނީ އޭނާ އެ މަގާމަށް ކުރިމަތިލާތީ ތާއިދު ދެއްވުމަށް އެދިފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވެސް ޝާހިދުގެ ކެމްޕޭއިނަށް ހާއްސަ ކޮށްގެން ފައިސާ ވަނީ ހަމަޖައްސައިފަ އެވެ.
ދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ. އާންމު އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ މެދު ތެރެއިގަ އެވެ.
ސައުދީގެ އިތުރުން އިންޑިއާއިން ވެސް ވަނީ ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ގެންނަން ތާއިދު ކުރައްވާކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް