ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި މިހާރު ކުޅެމުން އަންނަ ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ފަތިހު އާޖެންޓީނާ އާއި ޕެރަގުއޭ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އާޖެންޓީނާގެ ބޮންބޮނޭރާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.
ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޕެރަގުއޭ އިންނެވެ. މެޗުގެ 22 ވަނަ މިނެޓްގައި އެ ޓީމަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން އަންހެލް ރޮމޭރޯ އެވެ. ޕެރަގުއޭ އިން ލަނޑު ޖަހައި ލީޑު ނެގި ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއިން ވަނީ ލަނޑެއް ޖަގާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 41 ވަނަ މިނެޓްގައި އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޖިއޮވާނީ ލޮ ސެލްސޯ ނަގައިދިން ކޯނަރަކުން ނިކޮލަސް ގޮންޒާލެސް އެވެ.
އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފަށް ކުޅެން ނިކުމެވެސް ދެޓީމުން ދިޔައީ ނަތީޖާ އަނބުރާލަން ބުރަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މެސީ ވަނީ ލަނޑެއް ވެސް ކާމިޔާބު ކޮށްފައެވެ. މި ލަނޑު މެސީ ޖެހީ ޕެރަގުއޭގެ ގޯލް ކީޕަރު ވެސް ބީޓު ކޮށްފައެވެ. އެހެން ނަމަވެސް ވީއޭއާރު ޗެކްކުރުމަށްފަހު ނިންމައިފައިވަނީ މިއީ ގޯލެއް ނޫން ކަމަށެވެ. ވީއޭއާރު ބެލުމަށް ފަހު މެސީ ޖެހި މި ލަނޑު ބަލައިނުގަތީ ލަނޑު ޖެހި ހަމަލާ އުފެއްދުމުގެ ތެރޭގައި އާޖެންޓީނާގެ ކުޅުންތެރިއަކު ފައުލްކޮށްފައިވާ ކަމަށް ބުނެއެވެ. މީގެ އިތުރުން ވެސް މެސީ ފޮނުވާލި ހަމަލާއެއް ވަނީ ޕެރަގުއޭގެ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައެވެ.
ޕެރަގުއާއި އާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މި މެޗު އެއްވަރުވި އިރު، މި ނަތީޖާ އާއެކު ޖުމްލަ ތިން މެޗު ކުޅެގެން ލިބުނު ހަތް ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި އޮތީ އާޖެންޓީނާ އެވެ. ޕެރަގުއޭ އޮތީ ތިން މެޗު ކުޅެގެން ލިބުނު ފަސް ޕޮއިންޓާއެކު ޓޭބަލްގެ ހަތަރުވަނައިގަ އެވެ.
ކޮލިފައިންގެ އިތުރު މެޗެއްވެސް މިއަދު ފަތިހު ވަނީ ކުޅެފައެވެ. އެއީ ބޮލީވިއާ އާއި އިކުއެޑޯ ބައްދަލުކުރި މެޗެވެ. މި މެޗު2-3 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިކުއެޑޯ އެވެ.
ދެކުނު އެމެރިކާ ވޯލްޑް ކަޕް ކޮލިފައިން ގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. އެގޮތުން މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:30 ގައި ކޮލަމްބިއާ އަދި އުރުގުއޭ ބައްދަލުކުރާއިރު، މިރޭ މެންދަމު 3 ޖަހާއިރު، ޗިލީ އަދި ޕެރޫ ބައްދަލުކުރާނެ އެވެ. މިރޭ ފަތިހު 4:30 ގައި ބްރެޒިލް އާއި ވެނެޒުއޭލާ ވާދަކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް