ކޯވިޑް ކޭސްތައް އިތުރުވާތީ މެލޭޝިއާގައި މާދަމާއިން ފެށިގެން ފިޔަވަޅުތައް ހަރުކަށި ކުރުމަށް އެގައުމުން ނިންމައިފި އެވެ.
އެގައުމުގެ މީޑިއާ އިން ބުނާ ގޮތުގައި ވެރިރަށް ކުއާލަ ލަމްޕޫރާއި ބައެއް އެހެން ސްޓޭޓުތަކުގައި ފިޔަވަޅުތައް ހަރުކަށި ކުރުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން ކުއާލަ ލަމްޕޫރާއި އަވަށްޓެރި ސެލަންގޯ އަދި އިދާރީ ވެރިރަށް ޕުތުރާޖާގައި މާދަމާ އިން ފެށިގެން އާ ފިޔަވަޅުތައް ތަންފީޒް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
ސްކޫލްތަކާއި އަޅުކަންކުރާ ތަންތަން ވެސް ބަންދުކޮށް، މީހުންނަށް ބޭރަށް ނުކުމެވޭނީ ވިޔަފާރި ކުރުން ފަދަ އަސާސީ ކަންކަމުގައި އެކަނި ކަމަށް އެގައުމުގެ އޮފިޝަލުންނާ ޙަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ. އަދި ކުޅިވަރާއި މުނިފޫހިފުލުވުމުގެ ހުރިހާ ހަރަކާތްތަކެއް ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.
އެހެންނަމަވެސް ވިޔަފާރިތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފަ އެވެ. އެއީ އިގްތިސާދަށް ހީނަރުކަން ކުރިމަތިވެދާނެތީ އެވެ.
ސަބާ ސްޓޭޓުގައި މިދިޔަ މަހު ބޭއްވި އިންތިޚާބަށް ފަހު، މެލޭޝިއާގައި ކޭސްތައް އިތުރުވާން ފަށާފައިވާ އިރު، ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ ސިޔާސީ ބައެއް ފަރާތްތަކުން ކެމްޕޭން ކުރުމުގައި ބަލި ފަތުރަން ފުރުސަތު ފަހިކޮށްފައިވާ ކަމަށެވެ.
މެލޭޝިއާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 16,880 މީހުން ޕޮޒިޓިވްވެ 163 މީހުން މަރުވެފަ އެވެ. މިއަދު އެކަނިވެސް ވަނީ 660 މީހުން ޕޮޒިޓިވްވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް