ދެ މެޖިސްޓްރޭޓުންނާ ގުޅޭ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީ އިން ނިންމައިފި

ދެ މެޖިސްޓްރޭޓުންނާ ގުޅޭ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީ އިން ނިންމައިފި އެވެ. ޖޭއެސްސީ އިން ބުނީ ބެލުމަށް ނިންމާފައިވަނީ ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޠައްޔިބާ ގުޅިގެން ހ...

13 Oct 2020 | 16:19

ދެ މެޖިސްޓްރޭޓުންނާ ގުޅޭ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީ އިން ނިންމައިފި އެވެ.

ޖޭއެސްސީ އިން ބުނީ ބެލުމަށް ނިންމާފައިވަނީ ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޠައްޔިބާ ގުޅިގެން ހުށަހެޅުނު މައްސަލައަކާއި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް އާ ގުޅިގެން ހުށަހެޅުނު ދެ މައްސަލަ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ނިންމައި، އެ މައްސަލަތައް ތަހްގީގު ކުރުމަށް، ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޠައްޔިބު އާ ދެކޮޅަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ގެންދިއުމުން މައްސަލައިގައި ގޮތެއް ނިންމެވުމުގައި ގާނޫނާ ޚިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބެލެވޭ މައްސަލައެއް ކަމަށެވެ.

މެޖިސްޓްރޭޓް އަހްމަދު އަކްރަމް އާ ދެކޮޅަށް ހުށަހަޅާފައި ވަނީ އޭނާ ހުކުމް ކުރެއްވި މައްސަލައެއްގައި، ޝަރީއަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓް ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލުގެނެސް ބައެއް ނުކުތާ އިތުރުކުރިކަމަށް ބުނާ މައްސަލަ އަކާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޟިއްޔާއެއް ބެލުމުން އޭނާ ތަނާޒުލްވެފައިވަނީ ހަގީގަތާ ޚިލާފު މައުލޫމާތެއް ހިއްސާކުރުމަށްފަހުކަމަށް ބެލެވޭ މައްސަލަ އެއް ކަމަށް ވެސް ޖޭއެސްސީ ގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން މި މައްސަލަތައް ބަލަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް