ސުވިޒަލޭންޑްގެ ލަފާޖްހޯލްސިމް އިން އެސްޓީއޯއާއި ގުޅިގެން ހިންގަމުންދިޔަ ސިމެންތި ކުންފުނީގެ މައި ހިއްސާދާރު ބަދަލުވެ، ރޭސޫޓް ސިމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އާ ކުންފުނި އުފައްދައިފިއެވެ.
އެގޮތުން އޮމާން ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެސްޓީއޯއާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ގޮތުގައި މި ކުންފުނި މިހާރު ވަނީ އުފައްދާފައެވެ.
މި ބަދަލު މިގޮތަށް އަންނަކަން ކުރިން އެސްޓީއޯއިން ހިއްސާކޮށްފައިވެއެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެސްޓީއޯއިން ބުނެފައިވާގޮތުގައި ކުންފުނީގެ 75 އިންސައްތަ ހިއްސާ އޮންނަ ލަފާޖްހޯލްސިމް އިން ވަނީ އެ ހިއްސާ އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީ (އާރުސީސީ) އަށް ވިއްކާލާފައެވެ.
އެސްޓީއޯއިން އޭރު ބުނެފައިވާގޮތުގައި މިކަމުގެ ސަބަބުން ސިމެންތި ކުންފުނީގައި އޮންނަ އެސްޓީއޯގެ ހިއްސާއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ތިލަފުށީގައި ހުންނަ ސިމެންތި، އެ ކުންފުނީގައި މި ބަދަލާއެކުގައިވެސް އަދި ބަދަލުގެ ކުރީގައިވެސް އޮންނާނީ އެސްޓީއޯގެ 25 އިންސައްތަ ހިއްސާއެވެ.
ލަފާޖް މޯލްޑިވްސްގެ ނަމުގައި ސިމެންތި ކުންފުނި އުފެއްދީ 1993 ގައެވެ. މި ކުންފުނި ހިންގަމުން އަންނަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް