ރާއްޖޭގައި ހައްދާ ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ރާއްޖޭގައި ހައްދާ ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ. މިއީ "ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ޔަޤީންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެ...

13 Oct 2020 | 13:04

ރާއްޖޭގައި ހައްދާ ޞިއްޙަތަށް ފައިދާހުރި ބާވަތްތައް ހެއްދުން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ "ދަނޑުވެރިކަމުގެ ސިނާއަތުގައި ކާބޯތަކެތީގެ ޔަޤީންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ބޮޑު އިންސައްތައަކުން އިތުރުކުރުން" މި ސިޔާސަތުގެ މައްޗަށް ރިޢާޔަތްކޮށް، އެގްރިކަލްޗަރ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަހަރުތެރޭ ތިލަދުންމަތީ އުތުރުބުރީ އުލިގަން، ވަށަފަރު އަދި މޮޅަދޫގެ ގޭބިސީތަކުގަޔާއި، ރަށުގެ ހުސްބިމުގައި އިންދުމަށް ގަސް ހަދިޔާކުރުމަށްވަނީ ހަމަޖެހިފަ އެވެ.

މިގޮތުން ހަދިޔާކުރުމަށް ހަމަޖެހިފައިވާ ގަސްތަކުގެ ތެރޭގައި ބަނބުކެޔޮ، މުރަނގަ، ޖަނބުރޯލު، ދޮންކެޔޮ އަދި އަލަ ކަހަލަ ބާވަތްތައް ހިމެނެ އެވެ. އަދި މީގެ ތެރެއިން ގިނަ އަދަދެއްގެ ގަސް އުފައްދާފައިވަނީ މިނިސްޓްރީއިން ރާއްޖޭގެ އުތުރުގައި ދަނޑުވެރިކަމުގެ ދިރާސާއި، ތަމްރީންދިނުމަށް ޤާއިމުކޮށްފައިވާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގަ އެވެ.

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެއް ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ހާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ޞިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއެކު ރަށުން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ މަޤްސަދުގައި އެ މިނިސްޓްރީއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގެ ހަރަކާތް މި 3 ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ކަމަށްވާ މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް