ދަރަނިތަކެއްގެ ކަންތަކުގައިކަމަށްބުނެ ރައީސް މައުމޫނަށް ދައުވާކުރަން ޑީއާރުޕީން ނިންމައިފި

ރައީސް މައުމޫން އެންމެ ފުރަތަމަ އުފެއްދެވި، ޑީއާރުޕީގެ ބައެއް ދަރަނީގެ މައްސަލައިގާ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރުމަށް އެ ޕާޓީގެ މިހާރުގެ ލީޑަރޝިޕުން ނިންމައިފިއެވެ. އެކަން ހާމަކޮށް އެ ޕާޓީން މިއ...

13 Oct 2020 | 11:41

ރައީސް މައުމޫން އެންމެ ފުރަތަމަ އުފެއްދެވި، ޑީއާރުޕީގެ ބައެއް ދަރަނީގެ މައްސަލައިގާ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރުމަށް އެ ޕާޓީގެ މިހާރުގެ ލީޑަރޝިޕުން ނިންމައިފިއެވެ.

އެކަން ހާމަކޮށް އެ ޕާޓީން މިއަދު ބުނެފައިވަނީ ޑީއާރުޕީގެ ކުރީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްގެ ލީޑަރޝިޕްގައި ޑީއާރުޕީ ވަނީ ބޮޑުތަނުން ދަރަނިވެރިކޮށް އެއަށް ބިލްތަކުގެ ފައިސާ ނުދައްކާ ޕާޓީގެ އޭރުގެ މެންބަރުންގެ ބޮލުގައި ދަރަނި އަޅުވާ، ޕާޓީ ދޫކޮށް، އޭރުގެ ދަރަނިތަކުގެ ބިލްތައް މިއަދުވެސް އަންނާތީ އެއަށް ޒިންމާވުމަށް އެބޭފުޅާގެ މައްޗަށް ދައުވާ ކުރަން ޑީއާރުޕީގެ ކައުންސިލުން މިއަދު ނިންމާފައިވާކަމަށެވެ.

"އަދި އެ މައްސަލައަށް ގޮތެއް ނިމެންދެން ހުރިހާ ދަރަނިދެއްކުން މަޑުޖައްސާލަންވެސް ކައުންސިލްގެ އިންތިފާގުން ވަނީ ނިންމާފައި" އެ ޕާޓީން ބުނެފައިވެއެވެ.

އެ ޕާޓީން އިތުރަށް ބުނެފައިވަނީ ރައީސް މައުމޫންފަދަ ބޭފުޅުން އެމްއާރުއެމްގެ ނަމުގައި ޕާޓީ ހަދާ، މި ސަރުކާރުގެ ކޯލީޝަންގައި ބައިވެރިކޮށް އުޅޭ އުޅުން ޑީއާރުޕީން ކުށްވެރިކުރާކަމަށެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް އަދި މިހާރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގަތީ 2008ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ވާދަކޮށް، ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ޕާޓީ ތެރޭގައި މައްސަލަ އުފެދި ދެ ފަޅިވުމުންނެވެ. ޑީއާރުޕީ ތެރޭގައި މައްސަލަ އުފެދުނީ މައުމޫން އެއްފަރާތްވެވަޑައިގެން، އެ ޕާޓީގެ ލީޑަޝިޕް ހަވާލުކުރާނެ ބޭފުޅަކާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އޭރު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އަދި 2008ގެ އިންތިހާބުގައި މައުމޫންގެ ރަނިން މޭޓަކަށް ހުންނެވި އަހުމަދު ތަސްމީން އަލީ އެވެ. ފަހުން އޭނާ ވެސް ވަނީ ޑީއާރުޕީން ވަކިވެވަޑައިގެން އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.

އެއަށްފަހު ޕާޓީ ހިންގަމުން ގެންދެވީ މުހައްމަދު ނަޝީދު ކާނަލް، އެވެ. އެއަށްފަހު އެ ޕާޓީއާއި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހަވާލުވެފައިވާއިރު މިހާރު ޕާޓީ ހިންގަމުން އަންނަނީ ޖާބިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް