މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކއިުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ހިތްހަމަ ނުޖެހިއްޖެ އެވެ.
ޝިފާގެ މައްސަލަ އޭސީސީން ބެލުމަށް ފަހު ދައުވާ ކޮށްދިނުމަށް އެދުނީ ލޮނުޒިޔާރަތްކޮޅު ޕާކު ހަދަން ބަޔަކާއި ހަވާލު ކުރުމުގައި ޝިފާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެވެ. ޝިފާގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ފޮނުވީ މާލެ ލޮނު ޒިޔާރަތްކޮޅުގައި ތަރައްގީ ކުރާ ޕާކްގެ އިމާރާތްތަކުގެ ތެރެއިން ދެ ފާހާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާ ހަވާލު ކުރީ އެއްވެސް ލިޔެކިއުމެއް ނެތި، ވާދަވެރި ދެފުށްފެންނަ އުސޫލަކުން ނޫން ކަމަށް ބުނެއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އެ ޕާކުގައި ފާހާނާ ބަރި ހެދީ އަމިއްލަ މީހަކު އަމިއްލަ ހަރަދުގައި ކަމަށެވެ، ހިލޭ އެހީގެ ދަށުން ނިންމި ކަމަށް ޝިފާއަށް ޝުކުރު އަދާ ކުރުމުގެ ބަދަލުގައި ދައުވާ ކުރަން ފޮނުވުމަކީ އިންސާފެއް ނޫން ކަމަށެވެ.
އެމްޑީޕީ މެމްބަރުން ވިދާޅުވީ ޝިފާގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު ނުއުފެދޭ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތެއް ހޯދައި ދިނުމުން ދައުވާ އުފުލާކަށް ނުޖެހޭ ކަމަށް ވިދާޅުވި އެވެ.
އިތުރަށް މެމްބަރުން ވިދާޅުވީ ބޮޑެތި މައްސަލަތައް ތަހުގީގު ނުކޮށް އޭސީސީން އަބަދުވެސް ތަހުގީގު ކުރަމުންދަނީ ކުދި ކުދި މައްސަލަތައް ކަމަށެވެ. ބޮޑެތި މައްސަލަތަކުގެ ގޮތުގައި މެމްބަރުން ފާހަގަ ކުރެއްވީ ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ބޮޑެތި ހިޔާނާތުގެ މައްސަލަތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް