ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުން ފަސްކޮށްފި އެވެ.
ކުރިން ތާވަލް ކުރެވިފައިވާ ގޮތުން މި މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ކޯޓުން އޮތީ ނިންމާފައި އެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހަށް ތާވަލު ކުރި އަޑުއެހުން ފަސްކުރީ އެގޮތަށް ޔައުގޫބު އެދިވަޑައިގެންނެވުމުންނެވެ. މިހާރު އެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ނިންމާފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހަށެވެ.
ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުންނެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ޖެހިގެން އައި ދުވަހު ޔައުގޫބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.
ޔައުގޫބްގެ މައްސަލަ ކޯޓަށް ހުށަހެޅީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އަށް ބަލާއިރު މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ނިންމައެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.
މިކަމާއި ގުޅޭގޮތުން ޔައުގޫބު މިހާތަނަށް ވިދާޅުވެފައިވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް