ދުނިޔެއާއި ވަކިވެފައިވާ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް މިކަންކަން ކޮށްލާ!

މަންއިންބަފައިން ނަކީ އެބައިމީހުންގެ އެތައް އުފާތަކުން މަޙުރޫމްވެ ދަރިފުޅަށްޓަކައި އެތަށް ޤުރުބާނީތަކެއް ވާބައެވެ. މައިނަބަފައިންގެ މުޅި ޙަޔާތުގައެވެ. މައިންބަފައިންގެ އޯގާތެރި ކަން ނުލިބި ހޭދަވާ ކޮން...

13 Oct 2020 | 05:27

މަންއިންބަފައިން ނަކީ އެބައިމީހުންގެ އެތައް އުފާތަކުން މަޙުރޫމްވެ ދަރިފުޅަށްޓަކައި އެތަށް ޤުރުބާނީތަކެއް ވާބައެވެ. މައިނަބަފައިންގެ މުޅި ޙަޔާތުގައެވެ. މައިންބަފައިންގެ އޯގާތެރި ކަން ނުލިބި ހޭދަވާ ކޮންމެ ސުކުންތަކީ ދަރިފުޅަށް ނިކަމެތިކަން ލިބޭ ވަގުތު ކޮޅެކެވެ. މައިނަބަފައިންގެ ލޯބިން މަޙުރޫމް ވެއްޖެނަމަ ގިނަ ފަހަރަށް އެ ދަރިފުޅަކީ ވަރަށް ނިކަމެތިކަން ލިބިފައިވާ ދަރިޔަކަށް އޮންނަނީ ވެފައެވެ.

ކީރިތި ގުރުއާނުގައި އެތަކެއް ފަހަރު މައިންބަފައިންނަށް ކިޔަމަންތެރިވުމަށާއި އޯގާތެރިވުމަށް އަހަރެމެންގެ މައްޗަށް މާތް ﷲ އަމުރުކުރައްވާފައިވެއެވެ. ވަކިން ހާއްސަކޮށް މައިންބަފައިން މުސްކުޅިވާ ދުވަހު، އެމީހުންނަށް ހެޔޮކޮށް ހިތުމަށް މާތްﷲ ވަނީ އަމުރުކުރައްވާފައެވެ.

އަހަރެމެންގެ މައިންބަފައިންނަކީ މި ދުނިޔެމަތީގައި އަހަރެމެންދެކެ ހަޤީޤީ ލޯބިވާ ހަމައެކަނި ފަރާތެވެ. މައިންބަފައިންގެ ލޯތްބަކީ އެ ލޯބި ލިބި މައިންބަފައިންގެ ރުހުން ލިބިއްޖެނަމަ އޭގެ ސަބަބުން އަހަރެމެންނަށް ސުވަރުގެ ވަދެވޭފަދަ ބޮޑު ނިއުމަތެކެވެ. އެހެންކަމުން އަހަރެމެން ކޮންމެ މީހަކީ މައިންބަފައިންނަށް އަޅާލާ ކިޔަމަންތެރި ބަޔަކަށް ވުން އެއީ ވަރަށް މުހިިންމު އަދި އެހާމެ ގިނަ ސަވާބު ލިބިގެންދާނެ ޢަމަލެކެވެ. ހަމަ އެފަދައިން މައިނަބަފައިން މި ވަގުތީ ދުނިޔެ ދޫކޮށް ދިއުމުންވެސް އެބައިމީހުންނަށް ޓަކައި ކޮށްދޭންޖެހޭ ކަންތައްތަކެއް ވެއެވެ.

އަބޫ އުސައިދު މާލިކު ބުނު ރަބީޢަތުއްސާޢިދީގެ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ތިއްބާ، އެކަލޭގެފާނުގެ އަރިހަށް ބަނީ ސަލަމާގެ މީހަކު އައެވެ. އަދި އޭނާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ މަންމައާއި ބައްޕަ މަރުވުމަށްފަހު އެދެމީހުންނަށް ހެޔޮކޮށްހިތާނެ ގޮތެއް ބާކީ އެބައޮތްތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ”އާނއެކެވެ. އެއީ އެދެމީހުންނަށްޓަކައި ހެޔޮދުޢާކުރުމާއި، އެދެމީހުންގެ ފާފަފުއްސެވުންއެދި ދެންނެވުމާއި، އެދެމީހުން ކޮށްފައިވާ ޢަހުދުތަކަށް އެދެމީހުން މަރުވުމަށްފަހުގައިވެސް ވަފާތެރިވުމާއި، އެދެމީހުންނާއި ލައިގެން ނޫނީ ތިބާއަށް ނުގުޅޭނެ ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމާއި، އެދެމީހުންގެ ރަޙްމަތްތެރިންނަށް މާތްކޮށް ހިތުމެވެ.  [1]“

ޢަބްދުﷲ ބުނު ދީނާރު – ރަޙިމަހުﷲ ، އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެއްފަހަރަކު އިބްނު އުމަރު رضي الله عنهما މައްކާއަށް ވަޑައިގެންނެވި މަގުމަތީގައި އަޢުރާބީންގެ (އެބަހީ؛ ރަށްފުށުގެ އަހުލުވެރިންގެ) ތެރެއިން މީހަކާ ބައްދަލުވެ ވަޑައިގެންނެވިއެވެ.އެހިނދު އިބްނު ޢުމަރު رضي الله عنهما އޭނާއާ ސަލާމްކުރެއްވިއެވެ. އަދި އެކަލޭގެފާނު ސަވާރުވެވަޑައިގެން އިންނެވި ސަވާރީއަށް އެމީހާ ސަވާރުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ބޮލުގައި އޮތް ފަގުޑި ނަންގަވައި އެމީހާގެ ބޮލުގައި އެޅުއްވިއެވެ.އިބްނު ދީނާރު ވިދާޅުވިއެވެ. އަހަރެމެން ދެންނެވީމެވެ. ﷲ ކަލޭގެފާނު އިޞްލާހު ކުރައްވާށިއެވެ! އެބައިމީހުންނަކީ ރަށްފުށުގެ މީހުންނެވެ. އެބައިމީހުން އެއަށްވުރެ ލުއިގޮތަށް (އެބަހީ އެއަށްވުރެ އާދައިގެ ގޮތަކަށްވެސް) ރުހެއެވެ.

އެހިނދު އިބްނު ޢުމަރު ވިދާޅުވިއެވެ. ހަމަކަށަވަރުން މިމީހާގެ ބައްޕައަކީ ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ގެ ގާތް ރަޙްމަތްތެރި މީހެކެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް އަޑު އެހީމެވެ. (( إنَّ أبرَّ البِرِّ صِلَةُ الرَّجُلِ أهْلَ وُدِّ أبِيهِ )) މާނައީ؛ އެންމެ މޮޅު ބިއްރަކީ (އެބަހީ؛ މައިންބަފައިންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މޮޅު ކަމަކީ) މީހާ އޭނާގެ ބައްޕަގެ ގާތްމީހުންނާ ގުޅުން ބަދަހި ކުރުމެވެ. [2]

މައުލޫމާތު: ނޫރުލްއިސްލާމް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް