ކޮލަމް ކުލަ: އިންޑިއާ އަށް ރާއްޖެ ހިފިދާނެތަ؟

"އަޅުގަނޑުމެން އެންމެން މަރާފައި ވެސް އެ މީހުން ބެނުމިއްޔާ ކުރާނެ (ރާއްޖެ ހިފާނެ). އަދި އެ މީހުން އެކަންޏެއް ނޫން، އެ އަށް ވުރެ ކުދިކުދި ގައުމުތަކުން ވެސް،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވ...

13 Oct 2020 | 01:59

"އަޅުގަނޑުމެން އެންމެން މަރާފައި ވެސް އެ މީހުން ބެނުމިއްޔާ ކުރާނެ (ރާއްޖެ ހިފާނެ). އަދި އެ މީހުން އެކަންޏެއް ނޫން، އެ އަށް ވުރެ ކުދިކުދި ގައުމުތަކުން ވެސް،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވެ އެވެ.

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިއަށް ޖެހިލާނަމެވެ. ރާއްޖޭގެ އާ ސަރުކާރުގެ ދިފާއީ ވަޒީރު އަދި ރާއްޖެ ދުށް ފުރަތަމަ އަންހެން ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ އެންމެ ފުރަތަމަ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށެވެ. އެ ދަތުރުފުޅުގައި، އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އެކަމަކު، ހަމަ އެ ނޭވާގައި އޭނާ ވިދާޅުވީ، އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިއީ، ސަރުކާރާއި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ ދެ ބޭފުޅުންގެ ބަސްފުޅެވެ. ސަރުކާރުގެ އެންމެ މުހިއްމު ވުޒާރާތަކުގެ ތެރޭގައި ހިމެނޭ ދެ ތަނާ ހަވާލުވެވަޑައިގެން ތިއްބެވި ދެ ބޭފުޅުންގެ ވިސްނުންފުޅެވެ.

ނާ ހަމަ ތެދެއް ހެއްޔެވެ؛ އިންޑިއާ އިން ބޭނުން ނަމަ، ބޭނުންވެއްޖެ ހިނދެއްގައި ހަމަ އަސްލު ވެސް ރާއްޖެ ހިފިދާނެ ހެއްޔެވެ؟

އެއީ މުޅިއަކުން ދޮގެއް ނޫނެވެ. އިންޑިއާ އަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް ރާއްޖެއާ ނުބައްދަލު ގައުމެކެވެ. ބޮލުގެ އަދަދުން ގުނާ ނަމަ، އިންޑިއާގެ ކުޑަކުޑަ އަވަށަކާ ވެސް މުޅި ރާއްޖެއާ އަޅާނުކިޔޭނެ އެވެ. ބިމުގެ މުއްސަނދިކަން ވެސް ތަންމިނަށް ހުޅުވިފައިވާ ރައްޔިތެއް ދިރިއުޅޭ ގައުމެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދެވެ. އަސްކަރީ ގޮތުން ދުނިޔޭގެ ރޮނގުގައި ފައިހަމަކުރަމުން އަންނަ ގައުމެކެވެ. ނިއުކްލިއާ ބާރެކެވެ.

ހަމައެކަނި "ފިޒިކަލް" ކަންކަމަށް ބަލައިގެން ވާހަކަދައްކާ ނަމަ، މިނިސްޓަރު ފައްޔާޒާއި މާރިޔާ ވެސް އެ ވިދާޅުވެދެއްވީ ކަން އޮތް ގޮތެވެ. އެ ދެއްކެވީ ހަގީގީ ވާހަކަ އެކެވެ. އެކަމަކު، މިއީ އެ ޒަމާނެއް ނޫނެވެ. އިހު ޒަމާނުގައި އެންމެ ނައުފަހަރު ގިނަ ގައުމުތަކުން، އެންމެ މީހުން ގިނަ ގައުމުތަކުން ކުދި ގައުމުތަކަށް ދަތުރުކޮށް އެ ގައުމުތަކަށް ވެރިވެގެން އެތައް އަހަރެއް ވަންދެން އުޅުނަސް، މިއީ އެ ގޮތަށް އެކަން ކުރެވޭނެ ޒަމާނެއް ނޫނެވެ. ކިތަންމެ ބޮޑު ގައުމަކަށް ވެސް މި ޒަމާނުގައި ކުދި ގައުމުތައް އަޅުވެތިކުރެވޭކަށް ނޯވެ އެވެ. އދ. އާއި އެ ނޫން ވެސް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް އެކަން އެގޮތަށް ވާ ތަން ދެކޭކަށް ގިނަ ފަހަރު ނުތިބޭނެ އެވެ. ބަވަނަވެފައިވާ ދުނިޔޭގައި، އިންޑިއާ އިން ރާއްޖެ ހިފައިފި ނަމަ، ރާއްޖޭގެ އެހީ އަށް ފުންމާލާނެ ގައުމުތައް ވެސް ތިބޭނެ އެވެ.

ދެން އޮތީ މިނިސްޓަރުންގެ އެ ވާހަކަފުޅުތަކުގެ އަނެއް ކޮޅެވެ. ގައުމިއްޔަތުގެ ނަޒަރުން ބަލާއިރު އެއީ އެއްވެސް ދިވެއްސަކަށް އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ރާއްޖެ ކިތަންމެ ކުޑަވެފައި މި ގައުމުގެ އަސްކަރިއްޔާ ކިތަންމެ ބަލިކަށިވިޔަސް، އަހަރެމެން ދިވެހިންނަށް އެއީ އެއްވަނަ އެވެ. އަހަރެމެންގެ ނަޒަރުގައި، މި ވަރުގެ ގައުމެއް ނޯންނާނެ އެވެ. މިއީ އާރެއް ބާރެއް ނެތް ގައުމެކޭ، އެހެން ގައުމުތަކުން ހެދި ގޮތެއް ހެދިގެން، ބުނި ގޮތަކަށް ރުހިގެން ތިބުން ނޫން ގޮތެއް ނެތެއް ނޫންހޭ ބުނުމުން، ކޮންމެ ދިވެއްސަކު ވެސް މޭކަރާނެ އެވެ. ގައުމާ މެދު ކިރިޔާ ވެސް ކުލުނެއް ހުރި މީހަކު އެ ވާހަކަތައް އަޑުއަހަން މަޑަކުން ނުތިބޭނެ އެވެ. އެއީ، ރާއްޖެ ނޫނަސް، ކޮންމެ ގައުމެއްގައި ވެސް ކަން ހިނގާނެ ގޮތެވެ! ބާރުގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އެކަން އޮޅިވަޑައިގެންނެވިޔަސް، އާއްމު ރައްޔިތުންގެ އިހުސާސް އޮންނާނީ ގައުމިއްޔަތުގެ ލޯބިން ބިންވަޅު ނެގިފަ އެވެ.

އިންޑިއާ އަށް ހުޝާމަދު ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. އެންމެ ގާތް އަވަށްޓެރިޔާގެ ހައިސިއްޔަތުން އިންޑިއާ އިން ރާއްޖެ އަށް އެތައް ފަހަރަކު ވަނީ މަދަދުވެރިކަން ފޯރުކޮށްދީފަ އެވެ. ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލަ އާއި 2004 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެންނާއި 2014 ވަނަ އަހަރު މާލެ އަށް ފެނުގެ ދަތިކަން ދިމާވެގެން އިންޑިއާ އިން ރާއްޖެ އަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނެވެ. އެއީ ބަދަލުކުރެވޭނެ ހަގީގަތްތަކެއް ނޫނެވެ! އިންޑިއާގެ މުހިއްމުކަން ރާއްޖެ އަށް ބޮޑެވެ. އިގްތިސާދީ ގޮތުންނާއި ސަރަހައްދީ ހަމަޖެހުމަށް ވެސް ދެ ގައުމުގެ ގުޅުން ބަދަހިކޮށް ބާއްވަންޖެހެ އެވެ.

ހަމަ އެ ގޮތަށް އިންޑިއާ އަށް ވެސް ރާއްޖޭގެ މުހިއްމުކަން ބޮޑެވެ. ގުދުރަތީ ގޮތުން ރާއްޖެ އޮތް ސްޓްރެޓީޖިކް ތަނުގެ ގޮތުން، އިންޑިއާގެ އެތައް ބޭނުމެއް ފުއްދަން ރާއްޖޭގެ އެހީތެރިކަން ބޭނުންވެ އެވެ. އިންޑިއާ ކަނޑުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ދެކޭ އިންޑިއާ އިން، މި ކަނޑުގައި ހިނގާނުހިނގާ ކަންކަން ބަލައި އެ ކަންކަމަށް ގޮތްކިޔޭ މިންވަރު ފުޅާކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތައް ކާމިޔާބުކުރެވޭނީ ރާއްޖޭގެ އެހީތެރިކަން ލިބިގެންނެވެ. ރާއްޖޭގައި އިންޑިއާ އިން ގާއިމްކޮށްފައިވާ ސާވެއިލެންސް ރާޑަރުތަކަކީ އޭގެ އެއް މިސާލެވެ.

ކުރީގެ ސަރުކާރުގެ ސިޔާސަތު ވެސް ގޯހެވެ؛ އިންޑިއާ އާ ޖައްސާލައިގެން، އިންޑިއާގެ އެންމެ ވާދަވެރި ޗައިނާ އަށް މުޅި ހާރިޖީ ސިޔާސަތު ދީލައިލައިގެން ކަންކަން ކުރުމުގެ ހިތި ރާއްޖެ އަށް ކުރާނެ އެވެ. އެކަން އޭރު ފެނުނެވެ. އިންޑިއާ އިން ވިސާ ތާށިކޮށްލުމުން ހުރިހާ ވޭނެއް ތަހައްމަލްކުރަންޖެހުނީ، އިންޑިއާގެ ހޮސްޕިޓަލްތަކަށާއި ޑޮކްޓަރުންނަށް ބަރޯސާވެގެން ބޭސްފަރުވާގެ ކަންކަން ނިންމަންޖެހިފައިވާ އާދައިގެ ދިވެހި ރައްޔިތު މީހާ އަށެވެ. ހިލަ އާއި ހިލަވެލީގެ ކޯޓާ ދަށްކޮލުމުން އޭގެ ހުރިހާ ގެއްލުމެއް ލިބުނީ ދިވެހި ވިޔަފާރިތަކަށެވެ. ކާއެތިކޮޅު ވެސް ހަމަ އެފަދަ އެވެ!

ގާތް ގައުމަކަށް ނުވަތަ ގައުމުތަކަށް ހުޝާމަދުކުރުމަކީ މައްސަލައެއް ނޫނެވެ. އެ ގައުމުތަކުން ވެދޭ އެހީތެރިކަން ބަލައިގަނެ، ހައްގު ޝުކުރު ވެސް އަދާކުރަންވާނެ އެވެ. އިންޑިއާ އިން ވެދީފައިވާ އެހީތެރިކަން ދިވެހިން އަބަދު ވެސް ބަލައިގަނެ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ބަލައިގަންނާނެ އެވެ. އެކަމަކު، ހުޝާމަދުކުރުމުގައި ވެސް ވަކި ހައްދެއް އޮންނާނެ އެވެ. ދިވެހި ގައުމުގެ ލަގަން ރައްޔިތުން ހަވާލުކޮށްފައިވާ ބަޔަކު ނުކުމެ ދިވެހި ގައުމިއްޔަތުގެ "އަގުވެއްޓޭ" ގޮތަށް، "އެހެން ގައުމެއްގެ އަގަ އިން ވާހަކަދެއްކުން" ދިވެހިން ބަލައެއް ނުގަންނާނެ އެވެ. އެއީ ސިޔާސީ ގޮތުން ވެސް ސުއިސަޑެކެވެ! އިންޑިއާ އަށް ވެސް އޭގެން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ. އިންޑިއާ އަށް ދިވެހިންގެ މެދުގައި އޮތް ލޯތްބާއި ޝުކުރު ނަފްރަތަށް ބަދަލުވުން ނޫން އެހެން އެއްޗެއް އެކަމުން ހާސިލެއް ނުވާނެ އެވެ!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް