ދައުލަތުގެ ބަޖެޓު އަލުން މުރާޖަޢާކޮށް، މަޖިލީހަށް ހުށަހަޅަނީ

ދައުލަތުން މިއަހަރަށް ލަފާކުރި ބަޖެޓު އަލުން މުރާޖަޢާކޮށް، މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން މިގޮތަށް ނިންމާފައުވާ އިރު، ސަރުކާރުންވެސް މީގެ ކުރިން ބުނެފައިވަނީ ބަޖެޓު މުރާޖަ...

13 Sep 2020 | 15:48

ދައުލަތުން މިއަހަރަށް ލަފާކުރި ބަޖެޓު އަލުން މުރާޖަޢާކޮށް، މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިގޮތަށް ނިންމާފައުވާ އިރު، ސަރުކާރުންވެސް މީގެ ކުރިން ބުނެފައިވަނީ ބަޖެޓު މުރާޖަޢާ ކުރާނެ ކަމަށެވެ. އަދި ޖޫން މަހުގެ ތެރޭގައި ވަނީ ބަޖެޓު މުރާޖާކުރުމަށް ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމުން ރިވައިޒްޑް ބަޖެޓު ހުށަހެޅުމަށެވެ.

މުޅި ދުނިޔޭގައިވެސް ފެތުރެމުންދާ ކޮވިޑް ބަލީގެ ސަބަބުން ދައުލަތުގެ އާމްދަނީ ވަރަށްބޮޑަށް ދަށްވެފައިވާ އިރު، މިއަހަރުގެ ޚަރަދުތައް ކުރުމަށް 12 ބިލިއަނެއްހާ ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރުގެ ބަޖެޓު މުރާޖަޢާ ކުރަން ހުށަހެޅިނަމަވެސް އަންނަ އޮކްޓޯބަރ މަސް ނިމުމުގެ ކުރިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

37 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ އިރު، މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް ކޮވިޑް 19އާ ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް އައި ހީނަރުކަމާއެކު މިހާރުގެ އަންދާޒާއަކީ އެންމެ ރަނގަޅު ހާލަތުގައިވެސް ދައުލަތުގެ އާމްދަނީގެ ގޮތުގައި މިއަހަރު ލިބޭނީ 15.2 ބިލިއަން ރުފިޔާ ކަމަށެވެ.

ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައިމިހާތަނަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ހަތް ބިލިއަނަކީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް