ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން ފެމިލީ ހެލްތު ފޯރަމްތަކެއް ބާއްވައިފިއެވެ.
ސިއްޙީ އާންމު ޙާލަތުގެ މައްޗަށް ބިނާކޮށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން މިއަހަރު ވަނީ ރާއްޖޭގެ 3 ރަށަކަށް އޮންލައިންކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ) އިން ބުނީ ޅ. ނައިފަރު، ނ. ކުޑަފަރީ އަދި ތ. ހިރިލަންދޫގައި ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ގެންދިޔަ ސެޝަންތަކުގައި 194 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.
ފެމިލީ ހެލްތު ފޯރަމް (އެފް.އެޗް.އެފް) އަކީ ނަފްސާނި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާ އަދި ބެލެނިވެރިންނާއި، ސިއްޙީ މާހިރުންނާއި، ކޮމިއުނިޓީ ލީޑަރުން، ސޯޝަލް ސަރވިސް ޕްރޮވައިޑަރުން އަދި މިފަދަ އެހެނިހެން ޚިދުމަތްތައްދޭ ފަރާތްތަކާއެކު އެއްމާޙައުލަކުން ބައްދަލުކޮށް މަޢުލޫމާތު ޙިއްސާ ކުރުމުގެގޮތުން ބާއްވާ ފޯރަމެކެވެ.
2013 ވަނަ އަހަރުން ފެށިގެން ސްޕެޝަލް އޮލިމްޕިކްސް އިން ކުރިއަށް ގެންދާ ފެމިލީ ހެލްތު ފޯރަމް (އެފް. އެޗް.އެފް) އަކީ ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން 45,000 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވަމުން އަންނަ ފޯރަމެކެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މިފޯރަމް ހިންގާފައިވަނީ ކެއަރ ސޮސަޓީގެ އެހީތެރިކަމާއެކުގައެވެ.
ކެއަރ ސޮސައިޓީއަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒަމާނުއްސުރެ މެދު ނުކެނޑި ވަރަށް ފުރިހަމައަށް ޚިދުމަތްދެމުން އަންނަ ޖަމްޢިއްޔާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް