"އިންޑިއާ އައުޓް" ގެ ނަމުގައި ހިންގަމުންދާ ހަރަކާތަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ހަރަކާތެއް ކަމަށް ތުހުމަތު ކުރައްވައި އެ ހަރަކާތުގައި އިދިކޮޅު ކޯލިޝަނުން ބައިވެރިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެ ހަރަކާތުގެ ފައިދާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީން ނަގަމުންދާ ކަމަށެވެ. ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެ އަމަލަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަން ކަމަށެވެ.
ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން އެ ދަނީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވީ އިއްޔެ މާލޭގައި ސަރުކާރާއި ދެކޮޅަށް ގިނަ ބަޔަކު ބައިވެރިވެގެން ސައިކަލު ބުރެއް ބާއްވާފައިވަނިކޮށެވެ. އަދި އެ ހަކަރާތަށް އިދިކޮޅު ފަރާތްތަކުން ތައީދުކޮށް އެ ހަރަކާތުގައި ބައިވެރިވެފައިވެ އެވެ.
އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ސަރުކާރާއި އިންޑިއާ އާއި ދެމެދު އޮންނަ ހާއްސަ ގުޅުމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ކުރިޔަށް ގެންދަމުންނެވެ. މި ހަރަކާތުގައިވެސް އިސްކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް ހަދަނީ އިދިކޮޅު ކޯލިޝަންގެ އެކްޓިވިސްޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް