އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މިސީޒަންގެ ފުރަތަމަ މެޗުން ޗެމްޕިއަން ލިވަޕޫލް މޮޅުވެއްޖެއެވެ.
ރޭ ލިވަޕޫލް މޮޅުވީ ގިނަ އަހަރު ތަކަކަށް ފަހު ޕްރިމިއާ ލީގަށް ޕްރޮމޯޓް ވި ލީޑްސް ޔުނައިޓަޑު އަތުން 3-4 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ފޯރިގަދަ ކުޅުމުއް ފެނިގެން ގޮސްފައެވެ.
އެގޮތުން ރޭގެ މެޗުގެ ހަތަރު ވަނަ މިނެޓްގައި ލީޑްސްގެ ޑިފެންޑާ ރޮބިން ކޮހްގެ އަތުގައި ބޯޅަ ޖެހި ލިވަޕޫލަށް ލިބުނު ޕެނަލްޓީގައި ސަލާހް ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް އެޓީމަށް ލީީޑުނަގައި ދީފައެވެ.
ނަމަވެސް އޭގެ މާ ގިނައިރުތަކެއް ނުވެ މެޗުގެ 12 ވަނަ މިނެޓުގައި ކަލްވިން ފިލިޕްސްގެ އެހީއާއެކު ޖެކް ހެރިސަން ވަނީ ލީޑްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ 20 ވަނަ މިނެޓްގައި ލިބުނު ކޯނަރެއްގައި ޑިފެންޑަރު ވާޖިލް ވެން ޑައިކް ލިވަޕޫލަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިދިން އިރު އޭގެ 10 މިނެޓު ފަހުން ވެންޑައިކު ހެދި ގޯހަކުން ލީޑްސްގެ ޕެޓްރިކް ބަމްފޯޑް ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް މެޗުގެ 33 ވަނަ މިނެޓްގައި ސަލާހް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ފުރަތަމަ ހާފް ލިވަޕޫލް ލީޑުގައި އޮވެ ނިމިގެން ދިޔައިރު ދެވަނަ ހާފްގެ 66 ވަނަ މިނެޓުގައި ހެލްޑާ ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން މަޓެއުޒް ކްލިޗް ވަނީ ލީޑްސްއަށް އަނެއްކާވެސް ނަތީޖާ އެއްވަރު ކޮށްފައެވެ.
މެޗުގެ ފަހު ލަނޑު ކާމިޔާބުކޮށް ލިވަޕޫލް މެޗުން މޮޅުވީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 88 ވަނަ މިނެޓްގައި ސަލާހްވަނީ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.
އަންނަ ހަފްތާގައި ލިވަޕޫލް ދެން ނިކުންނާނީ ޗެލްސީއާއި ދެކޮޅަށެވެ. އަދި ލީޑްސް ނިކުންނާނީ ފުލަމް އާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް