ހުކުރު ޙުތުބާ ކިޔަމުން ދިޔައިރު، މުސައްލަ މަތީ ޕަބްޖީ ކުޅެން އިން ދިވެހި ޒުވާނާއަށް !

އަޅުގަނޑުމެން މުސްލިމުންނަށް ކޮންމެ ހަފުތާ އަކު ބައްދަލު ކުރާ ހުކުރު ދުވަހަކީ ޢީދެއް ފަދަ ދުވަހެކެވެ. އަޅުގަނޑުމެންގެ ޚިޔާލަށް ފިކުރަށް ވެސް ނުގެނެވޭނެ މިންވަރަށް، ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކ...

12 Sep 2020 | 23:59

އަޅުގަނޑުމެން މުސްލިމުންނަށް ކޮންމެ ހަފުތާ އަކު ބައްދަލު ކުރާ ހުކުރު ދުވަހަކީ ޢީދެއް ފަދަ ދުވަހެކެވެ. އަޅުގަނޑުމެންގެ ޚިޔާލަށް ފިކުރަށް ވެސް ނުގެނެވޭނެ މިންވަރަށް، ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކަން ބޮޑެވެ. އެއީ އަޅުގަނޑުމެން ގެ ނަފުސު ހެޔޮ އަމަލު ތަކުން ޒީނަތްތެރިވެ، މުޅި ހަށިގަނޑު ފާފައިގެ ނުބައި ކަމުން ސާފު ކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ.

ކަން މިހެން އޮތް ނަމަވެސް މިއަދުގެ ބައެއް ޒުވާނުންގެ އަމަލުތަށް ހުންނަ ގޮތުން ހައިރާން ވެެއެވެ. ހުކުރު ދުވަހު ހުކުރު ނަމާދަށް ދާ ބައެއް ޒުވާނުންގެ ފަރާތުން ފެންނަ މަންޒަރު ތަކުނެވެ.

ހުކުރު ދުވަހުގެ މަންޒަރުތަށް ފެންނަ ގޮތުން ގިނަ އަދަދެއްގެ ޒުވާނުން ހުކުރަށް މިސްކިތަށް ދެއެވެ. ނަމަވެސް ގިނަ މީހުން ހުކުރަށް ދަނީ އެކަމުގެ މާތް ކަމާއި މަތިވެރިކަން އެއްވެސް ވަރަކަށް އިޙުސާސް ނުކުރެވޭ ހާލުގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެގޮތުން ގިނަ ޒުވާނުން ހުކުރަށް ދަނީ ހުކުރު ޙުތުބާ ނިމޭ ހިސާބުންނެވެ. ހަމަ އެކަނި ދެ ރަކާޢަތް ކޮށްލުމަށެވެ. އަނެއް ބައި ޒުވާނުން ހުކުރު ޙުތުބާ ކުރިން މިސްކިތަށް ދާތަން ފެނެއެވެ. ނަމަވެސް ޙުކުރު ނަމާދަށް މާ ބޮޑު އަހައްމިޔަތު ކަމެއް ދިނުމެއް ނެތިއެވެ.

މިހެން މި ދަންނަވަން ޖެހެނީ ސަބަބެއް ވެސް ނެތިއެއް ނޫނެވެ. އެންމެ ފަހުން ހުކުރު ދުވަހު ހުކުރު ނަމާދަށް ދިޔައަ ޒުވާނެއްގެ ފަރާތުން ފެނުނު އާދަޔާއި ޚިލާފު މަންޒަރަކުންނެވެ.

ހުކުރަށް ގޮސް އިން ޒުވާން އުމުރު ފުރައިގެ ކުއްޖެކެވެ. މުސޮއްލަ އަޅައިގެން އިށީންދެގެން އިބީ މަގުމަތީގައެވެ. އޭރު ހުކުރު ޙުތުބާގެ އަޑުން މުޅިތަން ގުގުމަމުން ދިޔައެވެ. އެދުވަހުގެ ޙުކުރު ޙުތުބާ ޚައްޞަ ކުރެވިފައި ވަނީވެސް ޒުވާނުންނަށެވެ. ނަމަވެސް މަގުމަތީގައި މުސައްލަ ފަތުރައިގެން މުސައްލަ މަތީގައި އިން ޒުވާނާއަށް ރެޔަކާވެސް ނުލާ ކަހަލަ އެވެ. ހުކުރު ޙުތުބާ ދެމުން ދިޔައިރު، އެ ޒުވާނާއިނީ އަތުގައި އޮތް ސްމާޓް ފޯނުން ޕަބްޖީ ކުޅުމަށް މަސްޢޫލް ވެގެންނެވެ. " ޕަބްޖީގެ ހަނގުރާމައިގެ ތެރެއަށް ގެއްލި ހުސްވެފަ" އެވެ.

އެ ޒުވާނާއަށް ރެޔަކާލީ ހުކުރު ޙުތުބާ ނިމި ޖަމާޢަތަށް ގޮވާލުމުންނެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. މިއީ އަދުގެ ޒުވާނުންގެ ކަންތަށް ހުރި ގޮތެވެ.

ހުކުރު ނަމާދަށް ގޮސް ތިބޭ ވަގުތު ނިދުމާއި ފޯނުން ގޭމް ކުޅުންފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް އިސްލާމް ދީނުގައި ބާރު އަޅުއްވާފައި ވާއިރު މިފަދަ އަމަލުތައް ކޮށްގެން ނުވާނެއެވެ.

ހުކުރު ދުވަހުގެ ޙާއްޞަ ކަމާއި މާތްކަން ބަޔާން ކޮށްދެއްވައި، މާތް ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ ކިބައިން ރިވާވެގެން ވެ އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

(أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم

މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރު ދުވަހާއި މެދުގައި ޣާފިލު ވީ އެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވި އެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވި އެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ޙިޔާތާއި މާތް ކަން ދެއްވި އެވެ."

އެހެނަސް ހިތާމައަކީ މިއަދުގެ ގިނަ ޒުވާނުން ހުކުރު ނަމާދަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމެވެ. އަދި ދުނިޔެ ވީ ހޭލުންތަކަށް ހެއްލި، މާތް ﷲގެ އެންގެވި ކަންކަމަށް ފަރުވާ ކުޑަ ކުރެވޭ ކަމެވެ. މިއީ ހަމަ ލޮލަށް މިއަދު ފެންނަމުން ދާ މަންޒަރު ތަކެވެ. އަނެއް ބައި ޒުވާނުން ހުކުރު ވަގުތުގައި ބޭރު ތެރޭގައި ރަޙުމަތްތެރިންނާއި އެކު ސިނގެރޭޓް ބުއިމާއި، ހަވާ ނަފުސުގެ ގޮވުން ތަކަށް ހެއްލިގެން ދާ މަންޒަރަކީ މި ކުޑަ ކުޑަ މުޖުތަމަޢު ގައި ފެންނަމުން ދާ ވަރަށް ހިތާމަވެރި މަންޒަރުތަކެކެވެ.

ޒުވާނުންނޭވެ.! އެންމެހާ މުސްލިމުންނޭވެ.!  ހޭލާށެވެ. ދެލޯ ހުޅުވާ ރަނގަޅަށް ދިރުއުޅުމަށް ބަލައިލާށެވެ. އަމިއްލަ ނަފުސު ފާފައިގެ ދޮރުން ޙިމާޔަތް ކުރާށެވެ. ނަމާދަށް ފަރުވާތެރި ވާށެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ހުކުރު ވަގުތުގައި ޚާފިލްވެ ނުތިބޭށެވެ. ހެޔޮ ދަރުމާއި ޘަވާބު ލިބިގަތުމަށް ހުކުރު ދުވަހު އަވަހަށް މިސްކިތަށް ގޮސް ހުކުރު ނަމާދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް މަސައްކަތް ކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް