އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ މައްސަލަ ވައްދަން ސޮއިކުރީ ކޮން މެމްބަރުނެއްތޯވެސް ނުބަލާނެ ކަމުގައި ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީގެ މިރޭގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑު ނުވެސް ބަލަން ސޮއި ކުރެއްވި ބޭފުޅެއް، އޭގެން ބޭފުޅަކަށް ނުވެސް ގުޅާނަން، މިއީ އަޅުގަނޑުގެ ފައިޓެއް ނޫން އިނގޭތޯ" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ މަޖިލީހެއް އޮވެ އެމްޑީޕީގެ ސަރުކާރެއްގެ ވަޒީރެއްގެ ނޯ ކޮންފިޑެންސް ވޯޓެއް ނެގުމުގެ ގާބިލުކަމާއި ހިތްވަރު އެމްޑީޕީއަށް ރާއްޖޭގައި އުފައްދަވައިދެވިއްޖެ ކަމަށެވެ. އަދި މިއީ އެމްޑީޕީއާއި އިސްލާހަށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން މިދިޔަ އެތައް ދުވަހަކު ކުރި މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި އެއީ ވަރަށް އުފާވާ ކަމެއް ކަމުގައި ފައްޔާޒް ވިދާޅުވިއެވެ.
މިރޭގެ ޕްރޮގްރާމްގައި ފައްޔާޒް ތަކުރާރުކޮށް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް މިނިސްޓަރު ފައްޔާޒާއިމެދު ހިތްހަމަނުޖެހުމެއް އޮވެދާނެ ކަމަށެވެ. އޭނާ އަކީ އެކި ބޭފުޅުންނަށް އެކި ކަހަލަ އިމޯޝަންސް ނިކުންނަ މީހެއް ކަމަށާއި މިހާރު މެދު އުމުރަށް އައިސްފައިވާއިރު އެކަން ދެން ބަދަލު ކުރެވޭނެހެން ހީ ނުވާކަމުގައިވެސް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ނޯ ކޮންފިޑެންސް ނަގަންޖެހޭ ވަރުގެ ކަމެއް ނޯންނާނެ ކަމަށާއި އޭނާގެ މަސައްކަތާއި ގުޅިގެން ނުވަތަ ގާނޫނީ ގޮތުންވެސް، އިތުބާރު ނެތްކަމުގެ އެންމެ އިންޗިއެއްވެސް ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް