އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ)ގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ވަކި ފަރާތެއް ހާމަނުކޮށް ފުލުހުންގެ މިރޭ ބުނީ އޮންލައިން ނޫހެއްގެ އިސް މީހެއްގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުކޮށް ނޫސްވެރިންތަކެއް ފުލުހުންނަށް ހުށަހަޅާފައިވާ ޕެޓިޝަނެއް ލިބިފައިވާ ކަމަށެވެ. މި މައްސަލައިގަ ތުހުމަތު ކުރެވޭ މީހާ އާއި ގުޅޭގޮތުން ސާފު ކުރަން ޖެހޭ މައުލޫމާތުތައް ސާފު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އާދަމް ހަލީމާއި ދެކޮޅަށް ނޫސްވެރިން ހުށަހެޅި ޕެޓިޝަން ރައީސް އޮފީހާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި ޕޮލިހާއި ހޯމް މިނިސްޓްރީ އާއި ޖެންޑަ މިނިސްޓްރީއަށް ފޮނުވާފައިވެ އެވެ. އެ ޕެޓިޝަންގައި 19 މީޑިއާއެއްގައި މަސައްކަތް ކުރާ 73 ނޫސްވެރިއަކު ސޮއިކޮށްފައިވެ އެވެ.
އެ ޕެޓިޝަންގައި ނޫސްވެރިން ގޮވާލާފައިވަނީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތައް ބަލައި އެ ކަންކަން އާދަމް ހަލީމްގެ މައްޗަށް ސާބިތުވާ ނަމަ އަދަބު ދިނުމަށާއި އޭނާ އަށް ދީފައިވާ އާއްމު ހިދުމަތުގެ ގައުމީ އިނާމާއި ނޫސްވެރިކަމުގެ ރަން ގަލަން އަތުލަންށެވެ. އެކަކަށް ވުރެ ގިނަ ފަރާތްތަކަކުން ނޫހެއްގެ އިތުބާރު ކުރެވޭ އިސް މަގާމެއްގައި ހުރި ފަރާތަކާ މެދު މިފަދަ ތުހުމަތެއް ކުރުމަކީ ނޫސްވެރިން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އާދަމްގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވެނީ އޭނާ ކުރިން ވީމީޑިއާގައި މަސައްކަތްކުރެއްވި އިރު އެ ތަނުގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި، ކޮއްޕާ ސިޑިއެއްގެ މައްޗަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް ކުރިން އާއްމުވެފައި ވަނިކޮށްކަން ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް