ދަރަނި މެނޭޖްކުރުމަށް ކޮމަންވެލްތުގެ އެންމެ ފަހުގެ ސިސްޓަމް ރާއްޖޭގައި ބޭނުންކުރަނީ

ދަރަނި މެނޭޖްކުރުމަށް ކޮމަންވެލްތުގެ އެންމެ ފަހުގެ ސިސްޓަމް ރާއްޖޭގައި ބޭނުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހ...

13 Aug 2020 | 09:07

ދަރަނި މެނޭޖްކުރުމަށް ކޮމަންވެލްތުގެ އެންމެ ފަހުގެ ސިސްޓަމް ރާއްޖޭގައި ބޭނުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޕްރޮޖެކްޓް ޑިރެކްޓަރ އަބްދުﷲ ހަސަން ވިދާޅުވީ، ރާއްޖޭގެ ދަރަންޏާއި ކޭޝް މެނޭޖްމަންޓް ދާއިރާ އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީން ކުރަމުންދާކަމަށެވެ. އެގޮތުން ޕްރޮފެޝަނަލްކޮށް ދަރަނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމުގެގޮތުން މިއަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ފިނޭންސް މިނިސްޓްރީގައި އޮންނަ ޑިވިޝަންއަކީ ހަމައެކަނި އެކަމަށް ޙާއްސަ ޑިވިޝަންއަކަށް ހަދާފައިވާކަމަށެވެ.

އަބްދުﷲ ހަސަން ވިދާޅުވީ، ދަރަނި މެނޭޖްކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ދަރަނި މެނޭޖްކުރުމަށް ކޮމަންވެލްތުގެ އެންމެ ފަހުގެ ސިސްޓަމްކަމަށްވާ މެރީޑިއަން ސިސްޓަމަށް ރާއްޖެ ދިއުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

ކޮމަންވެލްތުގެ ފަހުގެ ސިސްޓަމް ބޭނުންކުރަން ފެށުމަކީ މާލީ ކަންތައްތައް ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ރަނގަޅު ފިޔަވަޅަކަށް ވެގެންދާނެކަމަށާއި، މިއަހަރުގެ ތެރޭގައި މިކަން ހާސިލްކުރުމަކީ އަމާޒެއްކަމަށްވެސް އަބްދުﷲ ހަސަން ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ފިނޭންސް މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ޙިދުމަތެއް އޮންލައިންކޮށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް