ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް 152 މިލިއަން ޑޮލަރު ހުރިއިރު، ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު ހުރީ 702.4 މިލިއަން ޑޮލަރު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޭނުން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކޮށްލެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި މިހާރު ހުރީ 152.6 މިލިއަން ޑޮލަރެވެ. ނަމަވެސް މެއި މަހު ޔޫޒަބަލް ރިޒާވްގައި 200 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ރިޒާވް ދަށަށް ނުދާ ވަރެކެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި 315 މިލިއަން ޑޮލަރު ހުއްޓެވެ. އަދި 2018 ވަނަ އަހަރު ނިމުނު އިރު 281 މިލިއަން ޑޮލަރު، 2017 ގައި 207 މިލިއަން ޑޮލަރު، 2016 ގައި 200 މިލިއަން ޑޮލަރު އަދި 2015 ވަނަ އަހަރު ރިޒާވް 199.5 މިލިއަން ޑޮލަރު ހުއްޓެވެ.
ރާއްޖޭގެ ޖުމްލަ ރިޒާވްގައި މެއި މަހު 836.9 މިލިއަން ޑޮލަރު ހުރި ނަމަވެސް ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރީ 702.4 މިލިއަން ޑޮލަރެެވެ. މިއީ މެއި މަހާ ބަލާއިރު 16 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާނަމަ ހަތަރު ޕަސެންޓަށް ރިޒާވް ވަނީ މަތިވެފަ އެވެ.
ރާއްޖޭގެ ރިޒާވް އެހާ ބޮޑަށް ދަށްވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިންތިހާ އަށް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ. އާންމު ގޮތެއްގައި ޔޫޒަބަލް ރިޒާވްގައި ހުންނަނީ ތިން މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާ އެވެ. އެހެން ނަމަވެސް 152 މިލިއަން ޑޮލަރަކީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓަށްވާ ވަރެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ އިމްޕޯޓް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެންމެ ގޯސްވާ ހާލަތުގައި އުފެއްދުންތެރިކަން މައިނަސް 29 ޕަސެންޓަށް ވެއްޓި 34 ބިލިއަން ރުފިޔާ އުނިވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. ކޮވިޑް-19އާ ގުޅިގެން، މުޅި ޓޫރިޒަމް އިންޑަސްޓްރީ ހުއްޓިފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހު ބޯޑަރު ވަނީ ހުޅުވައިލައިފަ އެވެ. އެހެން ނަމަވެސް ރާއްޖެ އަށް އަންދާޒާ ކުރި ވަރާ ގާތަށް ވެސް ޓޫރިސްޓުން ނާދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް