ކޯވިޑް-19 އާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރެއިން މިހާރު ތިބި ހަމަ އެކަނި އާއިލާ ރަށަށް ދާން އުޒުރުވެރި ވާކަމަށާއި އެހެންނަމަވެސް އެތަން ޔޫތު މިނިސްޓްރީ އާއި އަނބުރާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް-19އާ ގުޅިގެން ވަގުތީ ރައްކާތެރިކަން ފޯރުކޮށްދެމުން ގެންދިޔަ ފަރާތްތަކުގެ ތެރެއިން މި ވަގުތު ވަގުތީހިޔާގައި ތިބީ އެއް ޢާއިލާއަކަށް ނިސްބަތްވާ 13 މީހުން ކަމަށާއި އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭކަމަށެވެ.
"ދެންނެވިފައިވާ 13 ފަރާތުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ދެނެގަތުމަށް ހެދި އެސެސްމަންޓްތަކަށް ރިޢާޔަތްކުރާއިރު، މި ފަރާތްތަކުގެ އިޤުތިސާދީ ޙާލަތު ބަދަލުވެފައިވާތީއާއި ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނައުމަށް ނިންމައިފައިވުމުން، މި ފަރާތްތައް ރަށަށް ދިއުމަށް އުޒުރުވެރިވުމުން، ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ހަމަޖެއްސުމަށް މިނިސްޓްރީން އެތައް ފަހަރެއްގެ މަތިން ވަނީ އެ ފަރާތްތަކަށް އަންގާފައެވެ" އެ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއަށް ދެއްވައިފައިވާ ޢިމާރާތް އެ މިނިސްޓްރީއަށް އަނބުރާ ޙަވާލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ މާލެ ސަރަހައްދުގެ ފުރަބަންދުގެ ޙާލަތަށް އެޗް.ޕީ.އޭގެ ފަރާތުން ލުއިތަކެއް ދިނުމާއި ސަރުކާރުގެ މުއައްސަސާތަކުން ކޯވިޑް-19އާ ގުޅިގެން ހިންގި ހަރަކާތްތައް ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާތީ، ވަގުތީ ހިޔާތަކުން ދެމުންގެދިޔަ ޚިދުމަތްތަކަށް ނިމުމެއް ގެނައުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައިކަމަށެވެ.
މާލެ ސަރަޙައްދު ފުރަބަންދުކުރުމާ ގުޅިގެން 253 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި އެއީ 103 ފިރިހެނުންނާއި 144 އަންހެނުން އަދި އެއްމަސް ނުފުރޭ ތުއްތު ހަ ކުދިން ކަމުގައި ބުނެފައިވެއެވެ. އަދި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ އެ ފަރާތްތައް ނިސްބަތްވާ ރަށްރަށަށް ދިއުމަށް ނުވަތަ އެ ފަރާތްތައް އަމިއްލައަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަގުތު ދިނުމުގެ ގޮތުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްކަން އެ ފަރާތްތަކަށް ކުރިން އެންގުމަށްފަހުގައި ކަމުގައިވެސް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް