ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ފްރާންސްގެ ޗެމްޕިއަންސް ޕީއެސްޖީ އާއި އެޓްލަންޓާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް، ޕީއެސްޖީ އިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެޓްލަންޓާ އިން ލަނޑެއް ޖަހާފައިވަނިކޮށް ޕީއެސްޖީ މޮޅުވީ މެޗުގެ އެންމެ ފަހު ވަގުތު ކައިރިކައިރީގައި އެ ޓީމުން ޖެހި 2 ލަނޑާއެކުގައެވެ. ޝައުޤުވެރި މި މޮޅާއެކު ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއިރު، މިއީ 1995 ވަނަ އަހަރުގެ ފަހުން އެ ކްލަބް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ގަތަރުގެ މަހުޖަނު ތަމީމް ބިން ހަމަދް އައްޘާނީ ހިންގާ، ފާއިތުވި ސީޒަންތަކުގައި ބޮޑު ޚަރަދެއް ކުރި ޕީއެސްޖީން ޗެމްޕިއަންސް ލީގު ހޯދުމަށް އަމާޒު ހިފާފައިވާއިރު، މިއީ އެ ކްލަަބަށް ލިބޭނެ ވަރަސް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.
<
UNBELIEVABLE! @PSG_English are into the semi-final of the @ChampionsLeague after a 2-1 win!
— Paris Saint-Germain (@PSG_English) August 12, 2020
❤️ #WeAreParis ????#ATAPSG pic.twitter.com/NjF50z9TBm
>
ފުރަތަމަ ހާފުގައި މާރިއޯ ޕަސަލިޗް ޖަހައިދިން ލަނޑާއެކު އެޓްލަންޓާއިން ޕީއެސްޖީ ހާސްކޮށްލިއެވެ. އަދި އެ ނަތީޖާއިން މެޗު ނިމިދާނެކަމަށް ބެލެވުނުއިރު، ފުރަތަމަ ހާފުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ނޭމާއަށް ލިބުނު ހުސް ފުރުސަތުތައް ބޭކާރުކޮށްލިކަމެވެ. ޕީއެސްޖީން މުޅި މެޗުގައި ވެސް މޮޅަށް ކުޅުނުއިރު، އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ވެސް ނޭމާއެވެ. އެެހެނަސް، ފަހު ވަގުތު ޕީއެސްޖީއަށް ނަތީޖާ ބަދަލުކޮށް ނުލެވުނުނަމަ، ނޭމާއަށް ލިބުނު ރަނުގެ ފުރުސަތުތައް ބޭކާރު ކޮށްލުން ގިނަ ބަޔަކު ފާހަގަ ކުރީހެވެ.
ޕީއެސްޖީގެ ކޯޗު ޓުޗެލްއަށް ގޮތް ހުސްވުމުން، ދާދި ފަހުން ބޮޑު އަނިޔާއަކާ ކުރިމަތިވި އެމްބާޕޭ ވެސް ވަނީ ފަހު ހާފުގައި ކުޅެން އަރުވާފައެވެ. އެމްބާޕޭ ކުޅެން އެރުމާއެކު އޭނާގެ ބާރު ދުވެއްޔާއި، މޮޅު ޑްރިބްލިންގ ތަކާއެކު އެޓްލަންޓާގެ ޑިފެންސަށް އިތުރަށް ބާރު ބޮޑުވެގެން ދިޔައެވެ.
<
16 - Neymar completed 16 dribbles against Atalanta tonight, the most by a player in a single Champions League match since Lionel Messi v Manchester United in April 2008. Twist. #ATAPSG pic.twitter.com/WpT1ONRZVV
— OptaJoe (@OptaJoe) August 12, 2020
>
އެހެނަސް، ޕީއެސްޖީއަށް ނަތީޖާ ހަމަހަމަ ކޮށްލެވުނީ މެޗުގެ 90 ވަނަ މިނިޓުގައެވެ. އެ ކްލަބަށް މުހިންމު މި ލަނޑު ޖަހައިދިނީ މާކުއީނިއޯސް އެވެ. އޭގެ ދެތިން މިނިޓު ފަހުން، ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޗޮޕޫ-މޯޓިން ޖެހި ލަނޑާއެކު ޕީއެސްޖީން ލީޑު ނެގިއެވެ.
ރެފްރީގެ ކަށިގަނޑުގެ ފަހު އަޑާއެކު، ސެމީ ފައިނަލް ކަށަވަރުވުމުން ޕީއެސްޖީގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. ކޯވިޑް-19 ގެ ހާލަތާ ގުޅިގެން މުބާރާތުގެ ފޯމެޓަށް ޔުއެެފާ އިން ވަގުތީ ގޮތުން ގެނައި ބަދަލުގެ ސަބަބުން ކުއާޓާ އަދި ސެމީ ފައިނަލް މެޗުތަކުގައި ދެ ލެގް ކުޅުމުގެ ބަދަލުގައި ކުރިއަށް ގެންދަނީ ނޮކް-އައުޓް މެޗެކެވެ. އަދި މި މެޗުތައް ކުޅެނީ ޕޯޗުގަލްގެ ލިސްބަންގައެވެ.
ޕީއެސްޖީން ސެމީ ފައިނަލްގައި ނުކުންނާނީ، މިރޭ އެތުލެޓިކޯ މެޑްރިޑާއި ލީޕްޒިގް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ކުއާޓާ ފައިނަލްގެ ދެ ވަނަ މެޗުގައި އެތުލެޓިކޯ މެޑްރިޑާއި ލީޕްޒިގް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް