ރައީސް ނަޝީދު ހިތްޕުޅާ ނުވާގޮތަށް ފައްޔާޒަށް ކުރެއްވުނީ ކޮން ކަމެއް!

އިއްޔެ ކުއްލިއަކަށް އައި ހަބަރަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ވައްދަށް ސޮއި ހަމަ ކުރާ ވާހަކަ އެވެ. ފައްޔާޒް ނިސްބަތްވެވަޑައިގެނ...

13 Aug 2020 | 06:37

އިއްޔެ ކުއްލިއަކަށް އައި ހަބަރަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ވައްދަށް ސޮއި ހަމަ ކުރާ ވާހަކަ އެވެ.

ފައްޔާޒް ނިސްބަތްވެވަޑައިގެންނަވާ އެމްޑީޕީ އިސްވެ އޮވެ މަޖިލީހަށް ވައްދަން މަސައްކަތް ކުރާ މި މައްސަލަ އާއި ގުޅޭގޮތުން ބައެއް މެމްބަރުން މީޑިއާގައި ވިދާޅުވީ އެ މައްސަލަ ވެއްދުމަށް ބޭނުންވާ ވަރަށް ސޮއި ހަމަވެއްޖެ ކަމަށެވެ. އެކަމަކު އެ އަދަދަށް ސޮއި ހަމަ ކުރެވުނު ކަމަށް ވަނީ ވަރަށް މަސައްކަތުންނެވެ.

އެ މަސައްކަތުގައި އިސްކޮށް އުޅުން ވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. އެމަސައްކަތް ނަޝީދު ފެއްޓެވިކަމަށް ވަނީ އަޑީގައި ހުންނަވައިގެން އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ލައްވައެވެ. ފާޅުގައި އެ މަސައްކަތް ނަޝީދު ފައްޓަވަން ޖެހުނީ އެކަމާއި އެމްޑީޕީގެ ގިނަ މަޖިލީސް މެމްބަރުން ދެކޮޅު ހައްދަވާތީ އެވެ.

ފައްޔާޒުގެ އިތުރުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. މަޖިލީހަށް ވައްދަން މަސައްކަތް ކުރާ މައްސަލައިގަ ފާހަގަ ކޮށްފައިވާ ގޮތުގައި އެމްޑީޕީގެ ވައުދުތައް ފުއްދަވައިދެއްވުމަށް ފައްޔާޒް ނުކުޅެދިފައިވާތީ އިތުބާރު ގެއްލިފައިވާކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މައްސަލައަކަށް ވެގެން އުޅޭ ކަމަކީ ކޯލިޝަން ޕާޓީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުސްވާ ވަޒީރު ކަމުގެ މަގާމުތައް ދިނުން ކަމަށެވެ. އޭގެ ތެރޭގައި މި ދުވަސްވަރު އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު އުފެދިފައިވަނީ ޓޫރިޒަމް މިނިސްޓަރު ކަން އެމްޑީޕީއަށް ނުދީ ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށް ދިނުމެވެ.

އެހެން ކަމުން މި މައްސަލައިގަ ނަޝީދާއި ދެކޮޅު މަޖިލީސް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މި މައްސަލަ އަކީ ސީދާ ފައްޔާޒް ބޭރު ކުރުމަށް ވުރެ ބޮޑަށް ސަރުކާރުގެ ވަޒީރުންގެ ތެރެއިން ރައީސް ސޯލިހަށް ފުރިހަމަ އެއްބާރުލުން ދެއްވާ ވަޒީރުންނާއި ދެކޮޅަށް ނަޝީދު ފެއްޓެވި މަސައްކަތެކެވެ. ފައްޔާޒްގެ އިތުރުން ރައީސް ނަޝީދާއި އެމަނިކުފާނާއި އެއްކޮޅަށް ތިއްބެވި މެމްބަރުން ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ވަޒީރުންގެ ތެރޭގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުވެސް ހިމެނިވަޑައިގެންނަވަ އެވެ.

ރައީސް ނަޝީދާއ ދެކޮޅަށް މިހާތަނަށް ވާހަކަ ދައްކަވާފައިވާ އެމްޑީޕީގެ ވަރުގަދަ މަޖިލީސް މެމްބަރުންގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ހުޅުމާލޭ މެމްބަރު އަލީ ނިޔާޒު އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހިމެނެ އެވެ. އިތުރު މެމްބަރުންގެ ތެރޭގައި ގަމު ދާއިރާގެ މެމްބަރު އަހުމަދު ވިސާމް، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ގެ އިތުރުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ހިމެނެ އެވެ.

އެ މެމްބަރުންގެ އިތުރުން އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ފައްޔާޒު މަގާމުން ވަކި ކުރުމާއި ދެކޮޅު ބޭފުޅުން ވިދާޅުވަނީ އަމިއްލަ ޕާޓީގެ ވަޒީރަކަށް ފައްޔާޒު ވާއިރު އޭނާ އާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ފަށައިފި ނަމަ މަސްލަހަތު ގެއްލި، އެތެރޭގެ ހަމަނުޖެހުމާއި ހިޔާލު ތަފާތުވުންތައް ބޮޑުވާނެ ކަމަށެވެ. އަދި ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް