ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހައްދަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އެދިއްޖެއެވެ.
އެމްއާރުއެމްއިން މިހެން ބުނެފައިވަނީ ރައީސް އޮފީހަށް އެ ޕާޓީން ފޮނުވާފައިވާ ސިޓީއެއްގައެވެ.
އެ ސިޓީގައި ބުނެފައިވަނީ ކޯވިޑް19 ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ، އެޕާޓީން ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ފިޔަވަޅު ތަކެއް ކަމަށާއި ރާއްޖެ ފުރަބަންދުގައި އޮތުމަށްފަހު، މިހާރު ވަނީ ލުއިތަކެއް ދެއްވައި ފުރަބަންދު އުވާލައްވާފައިވާއިރު އެއާއެކުވަނީ، މާލެ ސަރަޙައްދުގައި ނިކުމެ އުޅޭއިރު، ރައްޔިތުން ޢަމަލު ކުރަން ޖެހޭ ވަކި އުޞޫލުތަކެއް ޢާންމު ކޮށް އިޢުލާން ކުރައްވާފައި ކަމަށާއި އެގޮތުން ބޭރުގައި އުޅޭ އިރު ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމާއި ސާފުތާހިރު ކަމަށް ބަލައިގެން އުޅުމަށް ވަނީ އިލްތިމާސް ކުރައްވާފައިވާކަމަށެވެ.
"އެހެން ނަމަވެސް، ފުރަބަންދު އުވާލުމާ އެކު ސަރުކާރުން ރައްޔިތުންނަށް ކުރައްވާފައިވަ އިލްތިމާސާ އެއްގޮތަށް ގިނަބަޔަކު ޢަމަލު ނުކުރާކަމީ ހިތާމަހުރި ކަމެކެވެ. ނަތީޖާ އެއްގެ ގޮތުން މި ނުރައްކާތެރި ބައްޔަށް ފައްސިވާ މީހުންގެ އަދަދު މިދަނީ ވަރަށްބޮޑަށް އިތުރުވަމުން ނެވެ. މިއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މި ގޮތަށް ފައްސިވާ މީހުން އިތުރުވަމުން ދާނަމަ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް ދެކެމެވެ." އެމްއާރުއެމްގެ ސިޓީގައި ބުނެފައިވެއެވެ.
އެ ޕާޓީން ބުނެފައިވަނީ އެހެންކަމުން، މިހާރު މިދާގޮތަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލުގެންނަވައި، އެއަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތެއް ކަމަށެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހައްދަވައި ދެއްވުމަށް އެ ޕާޓީން އެދޭ ކަމަށެވެ. އަދި، މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރާއިރުވެސް، ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ސަފުހެދުމާއި އެންމެން މާސްކު އަޅައިގެން އުޅުންވެސް މަޖުބޫރު ކޮށްދެއްވުން އެދޭކަމަށެވެ. މައްކާ މަދީނާގައިވެސް، އަދި އެހެން އިސްލާމީ ޤައުމުތަކުގައިވެސް މިވަގުތު ޢަމަލު ކުރަމުންދަނީ މި އުޞޫލުން ކަން އެ ޕާޓީގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އެމްއާރުއެމްއިން އިތުރަށް ބުނެފައިވަނީ އެ ޕާޓީގެ އެދުމަކީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަންގަވާފައިވާ އެންގެވުންތަކަށް ޢާންމުން ޢަމަލުކުރޭތޯ މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް