ރާއްޖޭގެ 61 ރަށެއްގައި ގާއިމްކުރެވޭ އޯޕަން އެއާ ޖިމްއަށް ބޭނުންވާ ފިޓްނެސް އިކުއިޕްމެންޓްސް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މިތަކެތި ހަދިޔާކޮށްފައިވަނީ މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އިންޑިއާގެ ފަރާތުން މިތަކެތި ރާއްޖެއަށް ހަދިޔާކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ސަންޖޭ ސުދީރެވެ.
ެ. މި މަޝްރޫއަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 8 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ފަރާތުން ހިންގާ މަޝްރޫއުއެކެވެ.
އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 106 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން ސިޓީ އަދި ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުން މިފަދަ 18 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގެމުންނެވެ.
މީގެ ތެރޭއިގައި ރަސްދޫގައި ހިންގޭ ރަށްގިރުން ހުއްޓުވުމުގެ މަސައްކަތާއި، ކޮޅުފުށީގައި މަގުމަތީ ލައިޓް ހަރުކުރުމާއި، ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގް އެކެޑެމީ އަޕްގްރޭޑް ކުރުމާއި، ޅޮހި އަދި ކިނޮޅަހު ސްކޫލްގައި ކްލާސްރޫމް އިމާރާތްކުރުމާއި، ދަރަވަންދޫގައި އިމަޖެންސީ ސިއްހީ ހިދުމަތްތަށް ގާއިމްކުރުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އަށް އުޅަނދު ފޯރުކޮށްދިނުމާއި، ފޯއްމުލަށް އަދި ކުޅުދުއްފުށީގައި ކިޔަވަމުންދާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އިކުއިޕްމެންޓް ފޯރުކޮށްދިނުމާއި، ހުޅުމާލެ ސެންޓްރަލް ޕާކް ތަރައްގީކުރުމާއި، އެރައިވަލް ޖެޓީ މަރާމާތުކުރުމާއި، 67 ރަށަކަށް ޗިލްޑްރެންސް ޕާކް އިކުއިޕްމެންޓް ފޯރުކޮށްދިނުމާއި، ގދ. ފަރެސްމާތޮޑާގެ ވެޓްލޭންޑް ޕާކް އޭރިއާ ތަރައްގީކުރުން ހިމެނެއެވެ.
މީގެ އިތުރުން، އިންޑިއާގެ ގްރާންޓް ސްކީމްގެ ދަށުން ފުރިހަމަ ކުރެވުނު ފެހެންދޫ-ގޮއިދޫ ސްޓޫޑެންޓް ފެރީގެ މަޝްރޫއު ނިމި ފެރީ ހަވާލު ކުރުމުގެ ރަސްމިއްޔާތު 8 ޖުލައި 2020 ގައި ވަނީ ބޭއްވިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފުރިހަމަ ކުރެވި ހަވާލު ކުރެވޭނޭ މަޝްރޫއު ތަކުގެ ތެރޭގައި ރަސްދޫގެ ކޯސްޓަލް ޕްރޮޓެކްޝަން މަޝްރޫއާއި، ވާނީގައި ގާއިމްކުރެވޭ ޕޮލިސް ޓްރެއިނިންގް އެކެޑެމީއާއި، ކޮޅުފުށީގައި ހިންގޭ މަގުމަތީ ލައިޓް ހަރުކުރުމުގެ މަޝްރޫއާއި، މާލެ ސިޓީ ކައުންސިލްއާއި ވެހިކަލް އަދި މެށީނަރީ ހަވާލުކުރުން ހިމެނެއެވެ.
ދުޅަހެޔޮ ސިއްހަތަށް މަގުފަހި ކުރުވާ ވަސީލަތްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް މަސައްކަތެވެ. އަދި ހަމަ އެހެންމެ އިންޑިއާ ސަރުކާރުން ދެކޭ ގޮތުގައި މިފަދަ މަޝްރޫއުތަކަކީ ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ ގްރާންޓް ސްކީމްގެ ދަށުން ހިންގޭ އެންމެ މުހިންމު މަޝްރޫއުތަކެވެ. 61 ރަށެއްގައި މި ގާއިމް ކުރެވޭ އޯޕަން-އެއާ ޖިމްގެ ސަބަބުން އެ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުވެގެންދާނެކަން ޔަގީނެވެ. އެހެންކަމުން މިފަދަ މަޝްރޫއުއެއް ފުރިހަމަ ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި، މިނިސްޓްރީ އޮފް ފޮރީން އެފެއާޒް އަދި ރަށު ކައުންސިލް ތަކާއި އެކުގައި ބައިވެރި ވުމަކީ އިންޑިއާއިން ފަހުރުވެރިވާ ކަމެއް ކަމުގައި އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ.
މިފަދަ ކުދި ގްރާންޓް ޕްރޮޖެކްޓްތަކަކީ ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައިވާ ގާތް ގުޅުމުގެ މުހިންމު ބައެކެވެ. މި ޕްރޮޖެކްޓްތަކަކީ ރަށްތަކުގެ ރައްޔިތުންގެ ބޭނުންތަށް ދެނެގަނެ، އެ ބޭނުންތައް ފުއްދުމަށްޓަކައި ފަންޑްކުރެވި، ލޯކަލް ކައިންސިލްތަކާއި މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކެކެވެ. އަދި އިންޑިއާގެ އެހީގެ ދަށުން ހިންގަމުންދާ މިފަދަ ޕްރޮޖެކްޓްތަކުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ލިއްބައިދޭ ކަމީ ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ.
އިންޑިއާގެ ހައިކޮމިޝަނުން ބުނާގޮތުގައި އިންޑިއާ ސަރުކާރުގެ އުންމީދަކީ މިފަދަ ކުދި ގްރާންޓްތަކުގެ ދަށުން ހިންގޭ އެކި ޕްރޮޖެކްޓްތަކުގެ މަސައްކަތް އަވަހަށް ފުރިހަމަ ކުރެވި، ދިވެހި ރައްޔިތުންނަށް މި ޕްރޮޖެކްޓްތަކުގެ ފައިދާ ލިބެންފެށުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް