މިއަދުގެ މުޒާހަރާގައި ހަމަނުޖެހުން ހިންގި މީހުންނާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ޕޮލިސް

ހުޅުމާލޭގައި މިއަދު ބިދޭސީން ކުރިއަށްގެންދިޔަ މުޒާހަރާގައި ހަމަނުޖެހުން ހިންގި މީހުންނާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން...

13 Jul 2020 | 15:04

ހުޅުމާލޭގައި މިއަދު ބިދޭސީން ކުރިއަށްގެންދިޔަ މުޒާހަރާގައި ހަމަނުޖެހުން ހިންގި މީހުންނާމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު، ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލިބެންޖެހޭ މުސާރަ ނުލިބޭކަމަށްބުނެ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ކުރި އިހްތިޖާޖަކާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާލަށް ގައު އުކައި ހަމަނުޖެހުން ހިންގާފައިވާކަމަށާއި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާކަމަށެވެ.

"ބިދޭސީ 41 މަސައްކަތްތެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައިގެން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި، ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން މި ސާވިސްއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާހިނދު، މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން ކަމަށެވެ. އަދި މުސާރަ ނުލިބުން ފަދަ މައްސަލަތައް ހައްލުކުރުމުގައި، އެކަންކަން ހައްލުކުރުމަށް އެކަށައަޅާފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސް ކުރާކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ގާނޫނު ތަންފީޒްކުރަންތިބޭ ފުލުހުންނަށް ހަމަލާ ދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންދިނުންފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އެޅުމުގައި ފަސް ނުޖެހޭނެ ވާހަކަ ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް