ބިދޭސީންގެ މުޒާހަރާތަކުގެ ނުރައްކާތެރިކަން ރައްޔިތުން، ފުލުހުން އަދި ދައުލަތުގެ މުދަލަށް!

މިފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުން ކުރާ މުޒާހަރާތަކގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވާން ފަށައިފި އެވެ. ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލައިގަ ތިން ކުންފުން...

13 Jul 2020 | 10:00

މިފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުން ކުރާ މުޒާހަރާތަކގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވާން ފަށައިފި އެވެ.

ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލައިގަ ތިން ކުންފުންޏެއްގެ ބަޔަކު ވަނީ މިދިޔަ މަހުން ފެށިގެން މިހާތަނަށް މުޒާހަރާކޮށްފައި އެވެ. އޭގެ ތެރޭގައި އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންތަކަކާއި، ރިޒް ކުންފުނީގެެ ބިދޭސީންތަކެއްގެ އިތުރުން އައިލެން އެކްސްޕާޓްގެ ބިދޭސީ މަސައްކަތު މީހުން ހިމެނެ އެވެ.

މީގެ ތެރެއިން އެންމެ ފުރަތަމަ ނުރައްކާތެރި ހަތިޔާރާއި އެކު ފުލުހުންނާއި ކުރިމަތިލީ އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނެވެ. އެ ކުންފުނިން ހަދަމުންދިޔަ ދެ ރިސޯޓެއްގައި މަސައްކަތް ކުރާ 400 އެއްހާ މީހުން ތިލަފުއްޓަށް ގެންދިޔައީ މުސާރައިގެ މައްސަލައިގަ އެ ރަށުގައި ހަދާފައިވާ ތަންތަނަށް ގެއްލުންދޭން ފެށުމުންނެވެ.

އެމީހުން ތިލަފުއްޓަށް ގެނެސް ބޭތިއްބި ކޮންޓެެއިންމެންޓު ސައިޓާއި މެދު ހިތްހަމަ ނުޖެހިގެން އެތަނުގައި އަޑުގަދަކުރަން ފެށުމުން އެކަން ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންނާއި ދިމާލަށް އޮއްގާ އުކައި ހަމަލާދީފައިވާއިރު ދެ ފުލުހަކަށް އަނިޔާވެފައިވެ އެވެ. ބަންދުކޮށްފައިވާ ސައިޓެއްގައި ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަ ކުރަމުންދިޔަ ބިދޭސީންގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވިއިރު އެމީހުން ތިބީ ދަނޑިބުރާއި ދަގަނޑު ބުރި ފަދަ އެއްޗެހި ހިފައިގެންނެވެ.

ދެން ބިދޭސީންގެ ނުރައްކާތެރިކަން ފެނިގެން ދިޔައީ ބ. އަތޮޅުގައި ރިސޯޓު ހަދާ ބޮޑުފިނޮޅުގައި ހިނގި ހާދިސާއެއްގައި އެވެ. ރިޒް ކުންފުނީގެ 200 އެއްހާ ބިދޭސީންގެ މުސާރަ ނުދޭތާ ގިނަ ދުވަސް ވެގެން މުސާރަ ހޯދުމަށް އެމީހުން 13 ދިވެއްސަކު ރަހީނު ކުރި އެވެ. އެމީހުން ސަލާމަތް ކުރަން އެ ރަށަށް ލޯންޗެއްގައި ދިޔަ ބ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން ރަށާއި ކައިރި ކުރިޔަ ނުދީ ދަގަނޑު ބުރިއާއި ލަޓިބުރި ހިފައިގެން ޖެޓީ މަތީގައި ތިބި އިރު ލޯންޗަށް ހުއްޓުމެއް ނެތި ބިދޭސީން އޮއްގާ އުކާފައިވެ އެވެ.

މިހަލާތަކުގައި ފުލުހެއްގެ ބޯފަޅައިގެން ގޮސް، އިތުރު ފުލުހެއްގެ އިނގިއްޔެއް ބިންދައިގެން ގޮސްފައިވެ އެވެ. ރަހީނު ކުރި ދިވެހިން ސަލާމަތް ކުރީ މާލެ އިން ދިޔަ އޮޕަރޭޝަން ކޮމާންޑުގެ ފުލުހުންނެވެ.

މީގެ އިތުރުން އައިލެންޑް އެކްސްޕާޓުގައި މަސައްކަތް ކުރާ ބިދޭސީން ކުރަމުންދާ މުޒާހަރާތަކަކީވެސް ނުރައްކާތެރި މުޒާހަރާތަކަކަށް ވަނީ ވެފައި އެވެ. މިއަދަކީ އެމީހުންނަށް މުސާރަ ނުލިބިގެން މުޒާހަރާ ކުރާ ދެވަނަ ދުވަހެވެ. ފުރަތަމަ ދުވަހާއި ހިލާފަށް މިއަދުގެ މުޒާހަރާ އަކީ ނުރައްކާތެރިކަން ބޮޑު ބިރުވެރި މުޒާހަރާއަކަށް ވަނީ ވެފައި އެވެ.

އެމީހުން ވަނީ އަތު ޖެހުނު ކޮންމެ އެއްޗަކުން ފުލުހުންނަށް ހަމަލާދީފައި އެވެ. އެޅިގަލާއި، އޮއްގަލާއި، ލަޓިބުރިއާއި ދަނގަޑު ބުރި ފަދަ އެއްޗެހިން ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެ އެވެ. މި ހަމަލާތަކުގައި ބައެއް ފުލުހުންނަށް އަނިޔާވެފައިވެ އެވެ.

މިހަމަލާތަކުގައި ފުލުހުންގެ ވެހިކަލްތަކަށްވެސް ބިދޭސީން ހަމަލާދީފައިވެ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވިދާޅުވިފަދައިން ދިވެހިންގެ ބިމުގައި ބިދޭސީން ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މުސާރަ ނުލިބޭނެ އަމަލު ކުރަންޖެހޭ އުސޫލުތަކާއި ގަވައިދު ތަކާއި ގާނޫނުތަކެއް ހެދިފައި އެބަހުއްޓެވެ.

މުސާރަ ނުލިބޭނަމަ ހައްގު ހޯދަން މަސައްކަތް ކުރަން ޖެހޭނެ އެކެވެ. އެކަމަކު އެއީ އަނެއް މީހާގެ ފުރާނައަށް ގެއްލުންވާގޮތަކަށް ނޫނެވެ. ބިދޭސީންގެ ފަރާތުން ފެނިގެންދާ މިފަދަ ނުރައްކާތެރި މަންޒަރުތަކުގެ ޒިންމާ ނަގަން ޖެހެނީ ހަމައެކަނި އެ ބިދޭސީންނެއް ނޫނެވެ. އެމީހުން ރާއްޖެ ގެނެސް އެ ހާލުގައި ޖައްސާ ކުންފުނިތައް ވެސް ޒިންމާ ނަގަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް