ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ހޯދާކަމުގެ މައްސަލަތައް މިފަހަކަށް އައިސް ހުށަހެޅޭ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. މަކަރާއި ހީލަތުން އުޅޭ މިފަދަ މީހުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އެގޮތުން ވައިބާ ކޮމިއުނިޓީ ގްރޫޕުތައް ފަދަ ތަންތަނުގައި ޑޮލަރު ވިއްކާ ކަމަށްބުނެ އިޝްތިހާރު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މިފަދަ ކުށްކުށުގެ ޝިކާރައަކަށް ވުމުގެ ކުރިން ޑޮލަރު މާރު ކުރާއިރު ސަމާލު ވުމަށް އިލްތިމާސް ކުރެ އެވެ. ފުލުހުން ބުނީ ޑޮލަރު މާރުކޮށްދިނުމުގެ ހުއްދަ އެމްއެމްއޭއިން ދީފައިވާ ފަރާތެއް މެދުވެރިކޮށް ނޫނީ ޑޮލަރު މާރު ނުކުރުމަށް އެދޭ ކަމަށެވެ.
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދި މީހުންގެ އަދަދެއް ނުވަތަ މައްސަލަ ހުށަހެޅުނު އަދަދެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެކަމަކު ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި 2،000 ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ 35،000 މީހެއްގެ އެކައުންޓަށް ޓްރާންސްފާ ކުރިފަހުން އެމީހާގެ ހަބަރެއް ނުވާ ކަމަށެވެ. އޭނާ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް