މިފަހަކަށް އައިސް ބިދޭސީން މުޒާހަރާ ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ބިދޭސީން މުޒާހަރާ ކުރާ މައްސަލައިގަ މިއަދު މަޖިލީހަށް ވަނީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ކުއްލި މައްސަލައެއް ހުށަހަޅާފައި އެވެ. ފައްޔާޒު މިހެން ވިދާޅުވީ އެ މައްސަލަ އާއި ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކަތަކެއްގައި އެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މުޒާހަރާތަކުގެ ތެރެއިން މި ފަހަކުން ހުޅުމާލޭގައި ކުރި ހުރިހާ މުޒާހަރާތަކަތަކީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ބަޔަކު ކުރުވާ ކަމެއް ކަމަށެވެ. އެއީ ކޮންބައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެކަމަކު ވިދާޅުވީ އެކަން ކުރުވަނީ އިދިކޮޅު ފަރާތްތައް ނޫންކަމަށާއި ސިޔާސީ ބޭނުމަކަށް ޓަކައި ބިދޭސީން ލައްވައި މުޒާހަރާ ކުރުވަނީ އެހެން ބަޔަކު ކަމަށެވެ.
ހުޅުމާލޭގައި މި ފަހަކުން ދެ ދުވަހު ފުލުހުންނާއި ސިފައިންގެ ފްލެޓުތައް އަޅާ ކުންފުނި އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން މުޒާހަރާ ކޮށްފައިވެ އެވެ. އެމީހުން މުޒާހަރާ ކޮށްފައިވަނީ މުސާރަ ނުދޭތާ ހަތް މަސްވުމުން ކަމަށް ބުނެފައިވެ އެވެ.
ފައްޔާޒް ވިދާޅުވީ ބިދޭސީންނާއި ގުޅުން ހުރި މައްސަލަތައް ހައްލު ކުރަން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަން ވަކި ބަޔަކަށް ނުހުއްޓުވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް