ބޮލީވުޑާއި ގުޅުން ހުރި މީހުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުން އިތުރުވާން ފަށައިފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުންކުރުމުން މަސައްކަތްތައް ހުއްޓާލާފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން ބޮލީވުޑާއި ހިންދީ ޑްރާމާ ސީރީސްތަކުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައި އެވެ. މަސައްކަތްތައް ކުރިޔަށް ގެންދަން ކަނޑައަޅާފައިވަނީ އިޖްތިމާއީ ގައިދުރު ކަމުގައި ވަކި ގަވައިދުތަކަކަށެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިދިޔަ ދެ ތިން ދުވަހެއްގެ ތެރޭގައި ބޮލީވުޑާއި ހިންދީ ޑްރާމާ ސީރިސްތައް ކުޅޭ މީހުންނާއި އެމީހުންނާއި ގުޅުން ހުރި މީހުންނަށް ކޯވިޑް ޖެހުން ވަނީ އިތުރުވެފައި އެވެ.
ކޯވިޑް-19 ޕޮސިޓިވްވެފައިވާ ބޮލީވުޑްގެ ތަރިންގެ ތެރޭގައި އަމީތާބް ބައްޗަން އަދި އަބީޝެކް ބައްޗަން ހިމެނެ އެވެ. މީގެ ތެރެއިން އަމީތާބަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބޮލީވުޑްގައި އަދިވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާ އަނޫޕަމް ކޭރްގެ އާއިލާގެ ތިން މީހަކު ވަނީ ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި އޭނާގެ މަންމަ އާއި ފިރިހެން ކޮއްކޮ އާއި ބޮޑުބޭބެ ކިޔާ ކުއްޖަކު ހިމެނެ އެވެ. އަދި ކުރީގެ މަޝްހޫރު ބަތަލާ ރޭކާގެ ބޮޑީގާޑަށްވެސް ވަނީ ކޯވިޑް ޖެހިފައި އެވެ.
މީގެ އިތުރުން ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ކަސައުޓީ ޒިންދަގީކީ" ގެ ލީޑް ރޯލް ކުޅޭ ޕާތް ސަމްތާންއަށްވެސް ވަނީ ކޯވިޑް-19 ޖެހިފައި އެވެ. ޕާތަށް ކޯވިޑް ޖެހުމުން އެ ސިލްސިލާގެ ޝޫޓިން ތިން ދުވަހަށް ވަނީ މެދުކަނޑާލަން ޖެހިފައި އެވެ.
ޝޫޓިން މެދުކަނޑާލަން ޖެހުނު އިރު މިރެއިން ފެށިގެން އެ ސިލްސިލާގެ އާ އެޕިސޯޑުތައް ސްޓާ ޕްލަސް އިން ދައްކަން ފަށާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް