ބިދޭސީން ކުރިއަށް ގެންދާ ހަމަނުޖެހުމާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދާ ހިލާފަށް އެތެރެވެފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ގޮތަށް ސަލާމަތީ ހިދުމަތްތަކާއި ބައެއް ބިދޭސީން ކުރިމަތިލާފައި ވާތީ ރައްޔިތުންގެ މަޖިލީހަށް ކުއ...

13 Jul 2020 | 05:55

ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދާ ހިލާފަށް އެތެރެވެފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ގޮތަށް ސަލާމަތީ ހިދުމަތްތަކާއި ބައެއް ބިދޭސީން ކުރިމަތިލާފައި ވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި މައްސަލާގައި ވަނީ ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ މައްސަލަ އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުންނާއި ދައުލަތުން ކުރުމަށް ގޮވާލައިފައެވެ. ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބިދޭސީންގެ ތެރެއިން ބައެއް ބިދޭސީން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ގޮތަށް ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލައި ބައެއް މީހުންގެ މުދަލަށް ގެއްލުން ދޭން ހިތްވަރު ލިބޭ ގޮތަށް އަމަލު ކުރަމުން ދިއުމަކީ މަޖިލީހަށް އެ ކުއްލި މައްސަލަ ހުށަހަޅުއްވާ ސަބަބެއް ކަމަށް ހަލީމް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި ދެ މައްސަލައެއް ހުށަހަޅާފައިވެ އެވެ. މިއީ 19 ވަނަ މަޖިލީހުގައި މި ގޮތަށް ދެ މައްސަލައެއް ހުށަހެޅި ދެވަނަ ފަހަރެވެ. ކުއްލި ދެ މައްސަލަ އޮތުމުން ކުރިއަށް ގެންދާނެ ކުއްލި މައްސަލަ ކަނޑައެޅީ ގުރުއަތު ނަގައިގެންނެވެ. އެއީ މަޖިލީހުގެ ގަވާއިދުގައި އެ ކަން ކުރުމަށް އޮންނަ ގޮތެވެ. މެންބަރު ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް