11 އަހަރުގެ ކުއްޖާ ރޭޕުކުރި މީހާގެ ވަނަވަރާއި ފޮޓޯ ފުލުހުން ހާމަކޮށްފި

މާލޭގައި ގެސްޓްހައުސްއެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕު ކުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރާއި ފޮޓޯ ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެމީހަކީ ހއ. ...

13 Jun 2020 | 18:27

މާލޭގައި ގެސްޓްހައުސްއެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕު ކުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރާއި ފޮޓޯ ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެމީހަކީ ހއ. ބާރަށު، ސިލްސިލާގޭ އަނީސް ހިލްމީ އެވެ.

ފުލުހުން ބުނެފައިވަނީ އެގާރަ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ޙިލްމީ (38އ) ގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާކަމަށާއި އަނީސް ޙިލްމީ ހައްޔަރުކޮށްފައިވަނީ، 2020 ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި މިސަރވިސްއަށް ހުށަހެޅުނު، އުމުރުން 11 އަހަރުގެ ކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 ޖޫން 12 ވަނަ ދުވަހުގެ 22:13 އެހައިކަންހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމަށެވެ. އަދި ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އަނީސް ހިލްމީ، ޤާނޫން ނަމްބަރ 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫން) ގެ ދަށުން، ތަހުޤީޤުގެ މަރުހަލާއާއި ޝަރީޢަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުންއެދި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެދިވަޑައިގެންފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ގްރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު ފުލުހުން އަޅަމުން ގެންދާނެކަމުގައި ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށާއި ކުޑަކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

އަދި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުމެއް ލިބިދާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކުރާކަމުގެ މަޢުލޫމާތެއް ނުވަތަ އެފަދަ ޝައްކެއް ކުރެވުނަސް އެކަމުގެ މަޢުލޫމާތު މިސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ނަންބަރު 3000600 ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް