މާލެ އަދިވެސް ރަތް އެލާޓުގައި، އެކަމަކު އާންމު ހާލަތަށް ދަނީ ބަދަލުވަމުން: ޑރ. ނަޒްލާ

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެމުންދާ ތަނެއްގެ ގޮތުގައި މާލޭ ސިޓީ އޮތް ނަމަވެސް އެ ހާލަތު ބަދަލުވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ "ދުވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިރޭގ...

13 Jun 2020 | 17:59

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެމުންދާ ތަނެއްގެ ގޮތުގައި މާލޭ ސިޓީ އޮތް ނަމަވެސް އެ ހާލަތު ބަދަލުވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ

"ދުވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކުރި އާއި އަޅާ ބަލާއިރު މާލޭގައި ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެއީ ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ދަށް ވުމާއި އެއް ވަރެއްގައި ބަލި ޖެހޭ މީހުންގެ އަދަދު ހިފެހެއްޓިފައި ހުރުމުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ގެންނަމުންދާ ލުއިތަކަކީ ބަލި ކޮންޓްރޯލްވެފައިވާ ވަރަށް ބަލައިގެން ގެންނަ ލުއިތަކެއް ކަމަށެވެ. އެކަމަކު އެ ލުއިތަކުގެ ތެރޭގައި ގޭގެއަށް ޒިޔާރަތް ކުރުން ހުއްދަ ދޭން ދުވަސް ނަގާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ގޭގެއަށް ދިއުމުގެ ހުއްދަ ހިފަހައްޓަން ޖެހެނީ މި ބަލީގައި ސީރިއަސް ހާލަތަކަށް ދަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެފައި ގޭގޭގައި ގިނަ ބަޔަކު އެއްވެ ތިބުމުން ނުރައްކާތެރި ހާލަތަށް ހިނގައިދާނެ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ. އެއާ ހިލާފަށް މަގުމަތީގައި އުޅޭއިރު މާސްކު އަޅައިގެން އިޖްތިމާއީ ގައިދުރު ކަމުގައި އުޅެގެން ބަލި ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މަގުމަށް ނުކުތުމުގެ ހުއްދަ ހޯމަ ދުވަހުން ފެށިގެން ދޭން ފަށާއިރު ކޮންމެ މީހަކުވެސް މި ބައްޔަކީ މާލޭގައި ފެތުރެމުންދާ ބައްޔެއްކަން ހަނދާންކޮށްގެން އުޅެން ޖެހޭ ކަމަށެވެ. ކޯވިޑް-19 ޖެހެނީ ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ކުޅުތިކިތަކުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް 2،013 މީހަކު ޕޮސިޓިވްވެފައިވާއިރު 1،217 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި އަށް މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް