ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހަމޫދަށް ލ. ގަމުން ލިބުނު ގޯތި ދޫކޮށްލައްވައިފި އެވެ.
ގަމުން ގޯތި ހޯދަން ކުރިމަތިލެވޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ރަށުގައި ރަޖިސްޓްރީ އޮންނަ މީހަކަށް ވާކަށް ނުޖެހެ އެވެ. ޖީހާން އެ ރަށުން ގޯއްޗެއް ހޯދަން ކުރިމަތިލެއްވީ ފިރިމީހާއަކީ އެ ރަށު މީހަކަށްވެފައި ފިރިމީހާ އާއި ދެ ދަރިންގެ ރަޖިސްޓްރީ އެ ރަށުގައި އޮތުމުންނެވެ.
ގަމުން ގޯތި ދޫކޮށްފައިވާ މީހުންގެ ލިސްޓު އާންމު ކުރީ އިއްޔެ އެވެ. އެ ލިސްޓުގައި ޖީހާންގެ ނަން އޮތުމުން ބަޔަކު ހިތްހަމަ ނުޖެހި މައްސަލަ ޖެއްސީ ރަށުގައި ދިރިއުޅޭ ނަމަ ލިބޭ 10 ޕޮއިންޓް ޖީހާން ދީފައި އޮތުމުންނެވެ. އޭނާއަށް ޕޮއިންޓު އިތުރުވެ ގޯތި ލިބޭގޮތް ވެފައިވަނީ އެހެންވެ އެވެ.
ޖީހާން އަށް 71 ޕޮއިންޓް ލިބިފައި އޮތެވެ.
މިއަދު ޖީހާން މީޑީއާގައި ވިދާޅުވީ އޭނާއަށް އެ 10 ޕޮއިންޓް ދިނީ ކީއްވެކަން ނޭނގޭ ކަމަށެވެ. އަދި އޭނާ ގޯއްޗަށް ކުރިމަތިލީ ރަށުން ބޭރުގައި އުޅޭ މީހުންގެ ކެޓަގަރީއަށް ކަމަށް ވިދާޅުވި އެވެ.
ޖީހާން ވިދާޅުވީ އިންސާފުން ބޭރުން ގޯތި ބޭނުން ނުވާކަމަށާއި ސުވާލު އުފެދޭ ކަމެއްގައި ކުރިޔަށް ދާން ބޭނުން ނުވާކަމަށެވެ. ގޯތި ދޫކޮށްލަންވަން ނިންމެވީ އެހެންވެ ކަމަށެވެ.
އެކަމަކު ނުހައްގު ގޯއްޗެއް ހޯދަން ނުވަތަ ނުފޫޒު ފޯރުވައިގެން ގޯއްޗެއް ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ގަމުން ދޫކޮށްފައިވަނީ 400 ގޯއްޗެވެ. އެ ރަށުގައި ގޯތި ދޫކޮށްފައި މިވަނީ 12 އަހަރު ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް